ފުލުހުންގެ އިންޓެލިޖެންސް މަރައިން ޕޮލިސް އަދި ޑްރަގް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސް ދޯންޏަކުން 61 ކިލޯގުރާމްގެ ހެރޮއިން ހޯދައި، ހައްޔަރުކުރި މައްސަލައިގައި ހިމެނޭ 11 ދިވެހިންގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން މަޢުލޫމާތުދެއްވިގޮތުގައި މިމީހުން އަތުލައިގަތީ މިމަހުގެ 20ވަނަ ދުވަހު ފުލުހުންގެ ޑްރަގް އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ގ.ބޮއިލިންގފިޝް، އަޙްމަދު ވިސާމާއި އިތުރު ބަޔަކު ގުޅިގެން ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް ޓްރެފިކްކުރާކަމަށް ތުހުމަތުކުރެވޭތީ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.

Ad
rt

މިމައްސަލާގައި ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި ބަލައިދިޔަ ކަމަށް ތުހުމަތުކުރެވޭ އިރުއަލިމަސް ނަމަކަށްކިޔާ ދޯނި ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. އަދި މިމައްސަލަ އާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ޖުމުލަ 4 ގެއެއް ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.

މިއޮޕަރޭޝަނުގައި މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ ގިނައަދަދެއްގެ ފައިސާ
ފުލުހުންވަނީ އަތުލައިގެންފައިކަމަށްވެސް އެފަރާތުން މަޢުލޫމާތުދެއްވައެވެ.

ފުލުހުން މަޢުލޫމާތުދެއްވާގޮތުގައި މިމަހުގެ 26 ވަނަ ދުވަހު ހައްޔަރުކުރި މި 11 މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް އިތުރުކޮށްދެއްވާ ފައިވެއެވެ. މި 11 މީހުންގެ ތެރެއިން 7 މީހުންނަކީ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރި ދޯނީގައި ދަތުރުކުރި މީހުންނެވެ. އަނެއް 4 މީހުންނަކީ މާލެއިންނާއި ހުޅުމާލެއިން ހައްޔަރުކުރި މީހުންނެވެ.


ފުލުހުން މަޢުލޫމާތުދެއްވާގޮތުގައި މިމައްސަލާގައި ފެނުނު މަސްތުވާތަކެތީގެތެރޭގައި 61 ކިލޯއަށްވުރެ ގިނަ ޑައަމޯފިން ނުވަތަ ހެރޮއިންކަމަށް ޝައްކުކުރެވޭ މަސްތުވާތަކެތި ފެނިފައިވެއެވެ. އަދި މިމައްސަލާގައި ގިނައަދަދެއްގެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވެއެވެ.

މިމައްސަލަ ހިއްސާކުރައްވާ ޕޮލިސް ކޮމިޝަނަރ މުޙައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ 72 މިލިއަން ރުފިޔާގެ ހެރޮއިނާއެކު 11 ދިވެހިން ހައްޔަރުކޮށްފައިވާކަމަށެވެ.

9 ދުވަހުން ހިންގި މި އޮޕަރޭޝަންގައު އަތުލައިގަން މަސްތުވާތަކެތީގެ މަގުމަތީ އަގަކީ 72 މިލިއަން ރުފިޔާކަމަށް އެމްސީ ހަމީދު ކުރެއްވި ޓުވީޓުގައި ބުނެފައިވެއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިފަހުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު އެ ވިޔަފާރީގައި ހަރަކާތްތެރިވާ އެތައް ބަޔަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ޓްރެފިކް ކުރުމުގެ މައްސަލައިގެ ތުހުމަތަަށް މިދިޔަ ޖެނުއަރީ މާލޭގެ 10 ގެއެއް ގާސްކޮށް ނުވަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.