ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހިގެން މިއަދު އެކަނިވެސް އިޓަލީ ވިލާތުން 756 މީހުން އަދި ސްޕޭނުން 624 މީހުން މަރުވެއްޖެއެވެ. މި ދެ ޤައުމަކީ ފަހަކަށް އައިސް އެންމެ ގިނައިން މިބަލީގައި މީހުން މަރުވަމުންދާ ދެ ޤައުމެވެ.
މިއަދު ތިން ވަނަ އަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ 209 މީހުން މަރުވި އިނގިރޭސި ވިލާތުންނެވެ. މިލިސްޓްގެ ހަތަރުވަނާ ގައި 132 މީހުން މަރުވި ނެދަލެންޑް އޮތް އިރު، ފަސްވަނާގައި އޮތީ 123 މީހުން މަރުވި އީރާނެވެ. މިއަދުވެސް އެންމެ ގިނަ މީހުން މިބައްޔަށް ޕޮޒިޓިވްވި، މިހާތަނަށްވެސް އެންމެ ގިނަ މީހުންނަށް މިބަލި ޖެހުނު އެމެރިކާ އޮތީ މިލިސްޓްގެ ހަވަނައިގައެވެ. އެ ޤައުމުން މިއަދު މިހާތަނަށް މަރުވީ 108 މީހުންނެވެ.
މިއަދު މިހާތަނަށް އަލަށް މުޅި ދުނިޔެއިން މިބަލީގައި 2323 މީހުން ވަނީ މަރުވެފައެވެ. މިއަދު އަލަށް މިބައްޔަށް 39268 މީހުންވަނީ ޕޮޒިޓިވް ވެފައިއެވެ.
މިއަދު އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދިހަ ޤައުމު
- އެމެރިކާ 7825 މީހުން
- ސްޕެއިން 5564 މީހުން
- އިޓަލީ 5217
- ޖަރުމަނު 2964 މީހުން
- އީރާން 2901 މީހުން
- ޔޫކޭ 2433 މީހުން
- ތުރުކީ 1815 މީހުން
- ބެލްޖިއަމް 1702 މީހުން
- ނެދަލެންޑް 1104 މީހުން
- ޕޯޗުގަލް 792 މީހުން
2019 ވަނަ އަހަރު ޑިސެމްބަރުމަހު ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީގެ މާރުކޭޓަކުން ފެތުރެންފެށި މިވައިރަސް ދުނިޔޭގެ 199 ޤައުމަށާއި، ސަރަހައްދަށް މިހާރު ވަނީ ފެތުރިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!