ރާއްޖެ އިން ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހާލަތު އޮތް ގޮތް ރައްޔިތުންނާއި ހިއްސާކުރެއްވުމަށް ދަރުބާރުގޭގައި ގާއިމްކޮށްފައިވާ، އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެއްސެއް ކޮވިޑްއަށް ޕޮޒިޓިވްވެފައި ވާކަމަށެވެ.
އެމީހަކީ އުމުރުން 38 އަހަރުގެ މީހެއް ކަމަށްވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޢަލީ ލަޠީފް ވިދާޅުވީ ރާއްޖެ އިން ޕޮޒިޓިވްވެފައި ވަނީ މި މަހު 22 ވަނަ ދުވަހު އިނގިރޭސި ވިލާތުން ރާއްޖެ އައި މީހެއް ކަމަށެވެ. އެ މީހާ މިހާރު ވަނީ ހޮލިޑޭ އައިލެންޑް ރިސޯޓުގައި ކަރަންޓީންކޮށްފަ އެވެ. އޭނާގެ ޓެސްޓުގެ ނަތީޖާ ލިބިފައި ވަނީ މި މަހު 27 ވަނަ ދުވަހު އެވެ. އަދި އޭނާ ރާއްޖެ އައުމާ އެކު ވަނީ ކަރަންޓީންކޮށްފައި ކަމަށާއި، އެހެންވެ އެހެން މީހަކާ ކޮންޓެކްޓްވުމުގެ ފުރުސަތު ވަރަށް ކުޑަވާނެވެސް ޑަކްޓަރު ވިދާޅުވިއެވެ.
ރާއްޖެ އިން ދިވެއްސަކު ޕޮޒިޓިވްވި ނަމަވެސް ކޮމިއުނިޓީ ސްޕްރެޑް ހާލަތަކަށް އަދި ނުދާކަމަށާއި، ރާއްޖެ އިން މިހާތަނަށް ނެގި ސާމްޕަލްތަކުގައި އައި ރިސްކް ސާމްޕަލެއް އަދި ނެތްކަމަށް އެ ނޫސްވެރިންގެ ބައްދަލްވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވިއެވެ.
" ޕޮޒިޓިވްވި މީހާ ޓްރާންސްފާ ކޮށްފައި ވަނީ ސޯޝަލް ޑިސްޓެންސް އަށް ބަލައިގެން. އެކަމަކު އޭނާގެ ކޮންޓެކްޓް ޓްރޭސިން މިހާރު ދަނީ ހަދަމުން."
އަމީން ވިދާޅުވިއެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަނީ އަޅުގަނޑުމެންނަށް ނޭނގި ވެސް ރާއްޖޭގައި ބަލި އުޅެދާނެ ކަމަށް. އެހެންވެ އަޅުގަނޑުމެން މި ވަގުތު އުނދަގޫ ހާލަތެއްގައި އުޅެންޖެހެނީ. އެންމެ މުހިންމު ކަމަކީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުން ކިޔަމަންވުން." އިތުރަށް މިނިސްޓަރު އަމީން ވިދާޅުވެފައިވެއެވެ.
ފުރަތަމަ ފަހަރަށް ރާއްޖެގައި ދިވެއްސެއް މިބައްޔަށް ޕޮޒިޓިވު ވެފައިވާއިރު، ކުރިން ޕޮޒިޓިވްވި 13 ބިދޭސީންނާއި އެކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 14 އަށް އަރާފައެވެ. މިބަލި ޖެހުނު މީހުން ތެރެއިން ރާއްޖެއިން 9 މީހުން ރަނގަޅުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!