އެސްޓީއޯގެ ޝިޕިން ލައިން މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ފުރަތަމަ ބޯޓު އަންނަ ހަފްތާގައި ރާއްޖެ އަންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިިހު އިއުލާންކުރައްވައިފި އެވެ. އިއްޔެ ދަރުބާރުގޭގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިިހު ވިދާޅުވި ގޮތުގައި، އެމްއެސްއެސް މިހާރު ވަނީ ގާއިމްކުރެވިފަ އެވެ. އަދި އެމްއެސްއެސްގެ ފުރަތަމަ ބޯޓު އަންނަ ހަފްތާގައި ރާއްޖެ އަންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅަށްފަހު އެސްޓީއޯ އިން ވެސް ބުނީ ރާއްޖޭގެ އެތެރޭގެ ޝިޕިން އިންޑަސްޓްރީ އަލުން ދިރުވުމުގެ ގޮތުން ގެންނަ ފުރަތަމަ ކޮންޓެއިނާ ބޯޓު އަންނަ ހަފުތާގައި ރާއްޖެ ބަނދަރުކުރާނެ ކަމަށެވެ. އަދި އެމްއެސްއެސްގެ ލޯގޯ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އަދި އެ ކުންފުނިން ވެސް ވަނީ އެމްއެސްއެސްގެ ފުރަތަމަ ކޮންޓެއިނަރު ބޯޓު އަންނަ ހަފްތާގައި ރާއްޖެ އަންނާނެ ކަމަށް ބުނެފަ އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވި ގޮތުގައި، ރާއްޖޭގެ އަމިއްލަ ޝިޕިން ލައިނެއް އޮތީ ވަރަށް މުހިންމު ކަމެކެވެ. ހާއްސަކޮށް، މިހާރު ކުރިމަތިވެފައިވާ ފަދަ އިމަޖެންސީ ހާލަތްތަކުގައި މިފަދަ ޝިޕިން ލައިނެއްގެ ބޭނުންތެރިކަން ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.
"ގައުމީ ޝިޕިން ލައިނެއް އޮތުމުން މުދާ އެތެރެކުރާ ފަރާތްތަކަށް މިހާރަށް ވުރެ އަގުހެޔޮކޮށް އަދި ޔަގީންކަމާ އެކު މުދާ އެތެރެކުރުމުގެ މަގުފަހިވެގެންދާނެ. މީގެ ސަބަބުން، ތަކެތީގެ އަގަށް ހެޔޮ ބަދަލުތަކެއް އަންނާނެ،"
އަމްރު ރޭ ކުރެއްވި ޓުވީޓެއްގައިވެ އެވެ.
މި ބޯޓުގެ ފުރަތަމަ ދަތުރުތައް އޮންނާނީ ސްރީ ލަންކާ އާއި ރާއްޖެއާ ދެމެދުގަ އެވެ.
އާ ޝިޕިން ލައިންގެ ފެށުމާ ގުޅޭ ގޮތުން މީގެ ކުރިން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެފައިވާ ގޮތުގައި ރާއްޖެއަކީ ގިނަ އަދަދެއްގެ މުދާ އިމްޕޯޓު ކުރާ ގައުމަކަށް ވުމުން ޝިޕިން ލައިނެއް އޮތުން މުހިންމު ކަމަށެވެ.
އެސްޓީއޯ އަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ކާޑުގެ ބާވަތްތަކާއި މުދާ އެތެރެކުރާ ކުންފުންޏެވެ. އެހެންކަމުން އާ ޝިޕިން ލައިނާ އެކު ރާއްޖެއަށް މުދާ ގެންނަން މިހާރަށް ވުރެ ފަސޭހވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ރާއްޖޭގައި ކުރިން ކާގޯ ޝިޕިންގެ ހިދުމަތް ދިނުމަށް ސަރުކާރުން އުފެއްދި މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް) ބަނގުރޫޓުވުމުން އެ ކުންފުނި އުވާލަން ވަނީ ނިންމައިފަ އެވެ. 1960ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން 1980ގެ އަހަރުތަކުގެ ކުރީކޮޅާ ޖެހެންދެން، ވަރަށް ފުޅާކޮށް ޝިޕިން ލައިނެއް ރާއްޖޭގައި ހިންގިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!