އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވާތީ، ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ޓެކުހާއި އެހެނިހެން ފައިސާ ނުދެއްކިވާ ފަރާތްތަކަށް، އެ ފައިސާ އިންސްޓޯލްމަންޓް އުސޫލުން ދެއްކުމަށް އިތުރު ލުއިފަސޭހަތަކެއް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހަމަޖައްސައިދީފި އެވެ.

މިހާތަނަށް އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމަށް ހަމަޖައްސައިދީފައިވާ ފަރާތްތަކުން ދައްކަންޖެހޭ ފައިސާ ތިން މަސްދުވަހުގެ މުއްދަތަށް ފަސްކޮށްދީފައިވާ ކަމަށާއި އިންސްޓޯލްމަންޓަށް ބަހާލައިގެން ފައިސާ ދެއްކުމަށް އިންސްޓޯލްމަންޓް އެގްރިމަންޓެއްގައި ސޮއިކޮށް ހިނގަމުންދާ އިންސްޓޯލްމަންޓް އެގްރިމަންޓެއް އޮތް ނަމަވެސް، އެ އިންސްޓޯލްމަންޓްގެ ތެރޭގައި ނުހިމެނޭ މުއްދަތުތަކާ ގުޅިގެން އިތުރު އިންސްޓޯލްމަންޓަކަށް އެދިއްޖެ ހިނދެއްގައި އެ ފުރުސަތު ވެސް ޓެކްސް ދައްކާ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް މީރާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

Ad
rt

އެގޮތުން، މި މުއްދަތުގެ ތެރޭގައި އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމަށް އެދި ހުށަހަޅާ ފަރާތްތަކަށް، އާންމުކޮށް އިންސްޓޯލްމަންޓް ދިނުމުގައި ދައްކަންޖެހޭ ކޮމިޓްމަންޓް ޕޭމަންޓަށް ވުރެ ކުޑަ ކޮމިޓްމަންޓް ޕޭމަންޓެއް ދެއްކުމުން އިންސްޓޯލްމަންޓް އެގްރިމަންޓަކަށް އާދެވޭނެ އިންތިޒާމާއި، އާންމު އުސޫލުން އިންސްޓޯލްމަންޓް ހަމަޖައްސައިދެވޭ މުއްދަތަށް ވުރެ ދިގު މުއްދަތަކަށް އިންސްޓޯލްމަންޓުގެ މުއްދަތު ދެވޭ ގޮތަށް ހަމަޖެހިފައިވާނެ އެވެ،

މީރާގެ ބަޔާނުގައިވެ އެވެ.

މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މިދިޔަ ފެބްރުއަރީ މަހުގެ ނިޔަލަށް، ހާއްސަ އިނާޔަތެއްގެ ގޮތުން އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމަށް ހަމަޖައްސަމުންދިޔަ ލުއިތަކާ އެކު އިންސްޓޯލްމަންޓްތަކަކަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ވެސް އަންނަ ޖޫން މަހުގެ ނިޔަލަށް މީރާ އިން ވަނީ އިތުރުކޮށްދީފަ އެވެ.