•  
  •  
  •  
  •  
  •  
  •  

ވާލްޑް ބޭންކުން ރާއްޖެއަށް 10 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހާމަކުރައްވައިފަ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހާލަތު އޮތް ގޮތް ރައްޔިތުންނާއި ހިއްސާކުރެއްވުމަށް މިއަދު ދަރުބާރުގޭގައި ގާއިމްކޮށްފައިވާ، އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ކުރިއަށްދިޔަ ޕްރެސް ކޮންފަރެނެސްގައި ރައީސް ސޯލިހު ވިދާޅުވީ ވާލްޑް ބޭންކުން ރާއްޖޭގެ ކޮވިޑް-19 ފަންޑަށް 10 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފައިވާ ކަމަށެވެ. އޭގެ އިތުރުން، އޭޑީބީ އާއި އޮޕެކް ފަދަ އިތުރު މާލީ އިދާރާތަކުން އެހީ ހޯދުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި ހާލަތުގައު ރާއްޖެއަށް އެހީވުމަށް ބޭރުގެ މާލީ އިދާރާތަކުންވެސް ވަރަށް ބޮޑު އެއްބާރުލުން ދެއްވާ ކަމަށެވެ.

“އެގޮތުން ވޯލްޑް ބޭންކުން ދިހަ މިލިއަން ޑޮލަރު މިހާރުވަނީ ގްރާންޓެއްގެ ގޮތުގައި ކޯވިޑް ފަންޑަށް ލިބިފައި. މީގެ އިތުރުން، އޭޑީބީ އާއި އޯޕެކް، އައިޑީބީ، އޭއައިއައިބީ ފަދަ ބޭންކުތަކާ މި އަންނަނީ މަޝްވަރާ ކުރަމުން،”

ރައީސް ވިދާޅުވީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މި ހާލަތުގައި ދޭ އިގްތިސޯދީ ޕެކޭޖު ނެގުމަށް ރާއްޖެއިން ވިސްނާފައި ނުވާ ކަމަށެވެ.

“އައިއެމްއެފްގެ ޕެކޭޖަކަށް ދިޔުމުގެ ވިސްނުމެއް ނެތް. އެބޭފުޅުން ފައިސާ ދެންޔާ ހުރޭ ޝަރުތުތަކެއް. މުވައްޒަފުން މަދުކުރުން މުސާރަ ކުޑަކުރުން. އެކަމަކު އަޅުގަނޑުމެން އެކަމެއް ނުކުރާނަން. އެ ޕެކޭޖަކަށް އަޅުގަނޑުމެން ނުދާނަން.،” ރައީސް ވިދާޅުވިއެވެ.

ރާއްޖޭން ލޯނު ނަގާފައިވާ ގައުމުތަކާއެކު އެ ލޯނުތަކަށް ލުއިތަކެއް ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަމުންދާކަމަށްވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން، ރާއްޖޭން އެންމެ ބޮޑެތި ލޯނުތައް ނަގާފައިވާ ޗައިނާއާ މަޝްވަރާކުރަން ބޭނުންވާތީ އެކަމަށް އެދި ސިޓީފުޅެއް ފޮނުވާފައިވާކަމަށާއި، ނަމަވެސް، އެ ސިޓީއަށް އަދި ޖަވާބެއް ލިބިފައިނުވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

“އަޅުގަނޑުގެ ވިސްނުމަކީ މުސާރަތައް ކުޑަކޮށް، މީހުން ވަޒީފާއިން ވަކި ކުރުމެއް ނޫން. މިހާރު ސަރުކާރުގެ ވިސްނުމަކީވެސް އަދި ސިޔާސަތަކީވެސް ލިބެންހުރި ތަނަކުން ލޯނު ނަގައިގެން، އިކޮނޮމީއަށް ޕަމްޕުކުރުން،” ރައީސް ވިދާޅުވި އެވެ.

ޚިޔާލު

Your email address will not be published.

More in ރާއްޖެ