ކޮވިޑް-19 އިގެ ސަބަބުން ޓޫރިސްޓުން އައުން މަދުވެފައިވާތީ، ހއ. އަތޮޅުގައި ހިންގަމުން އަންނަ ހައިޑަވޭ ބީޗް ރިސޯޓްވެސް ބަންދުކުރަން ނިންމައިފިއެވެ.
103 ކޮޓަރިއާއި އެކު ހިންގަމުން އަންނަ އެރިސޯޓު ބަންދުކުރަން ނިންމާފައިވަނީ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އަލުން ހުޅުވާނެ ވަކިތާރީޚްއެއް އަދި ނިންމާފައިނުވާކަމަށް މަޢޫލޫމާތު ލިބިފައިވެއެވެ.
ހއ އަތޮޅުގެ ގިނަރަށްތަކެއްގެ ޒުވާނުން ވަޒީފާ އަދާކުރަމުން އަންނަ މިރިސޯޓުގައި މުވައްޒަފުން ނޯޕޭއަށްދާން ބޭނުންވާނަމަ އެމުވައްޒަފުންނަށް އެފުރުޞަތުވަނީ ހުޅުވާލާފައެވެ. ހއ އަތޮޅުގައި ދެން ހިންގަމުން އަންނަ ޖޭ. އޭ މަނަފަރު މޯލްޑިވްސް ރިސޯޓުން ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދުވަނީ ބުނެފައެވެ. އެރިސޯޓު ބަނދުކުރާކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ. އެހެން ނަމަވެސް އެކަމުގެ މަޝްވަރާ ކުރެވެމުންދާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ރާއްޖޭގެ އެންމެ ފެންވަރު މަތީ ބައެއް ރިސޯޓްތަކާއެކު 21 އަށްވުރެ ގިނަ ރިސޯޓު މިހާތަނަށް ވަނީ ބަންދު ކޮށްފައެވެ. މިހާތަނަށް ގިނައިން ބަންދު ކޮށްފައި ވަނީ މާލެއާ ދުރު ހިސާބުތަކުގައި ހުންނަ ރިސޯޓު ތަކެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި ކޮވިޑް-19 ގެ ސަބަބުން މި އަހަރު ރާއްޖޭގެ ޓޫރިޒަމް 12 ޕަސެންޓު ދަށަށް ދާނެ އެވެ. މިއާއެކު ރާއްޖޭގައި ޓޫރިސްޓުން ހޭދަ ކުރާ ރޭގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު އަށް ޕަސެންޓާއި 21 ޕަސެންޓާ ދެމެދު މިންވަރަކަށް ދަށްވާނެ ކަމަށް ބެލެވިފައިވެ އެވެ.
ޓޫރިޒަމް ހީނަރުވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ބޮޑު ގެއްލުމަކާ ކުރިމަތި ވާނެ އެވެ. އޭގެ ސަބަބުން ރާއްޖެއަށް ލިބޭ އާމްދަނީ އިން 135.9 މިލިޔަން ޑޮލަރު އާއި 446.6 މިލިޔަން ޑޮލަރު އާ ދެމެދުގެ އަދަދަކަށް ގެއްލުންވުމުގެ ފުރުސަތު އެބައޮތް ކަމަށް ސަރުކާރުން ބުނެފައިވއެ އެވެ. ކުރިން ބެލިފައި އޮތީ ރާއްޖޭގެ އިގްތިސޯދީ ދުވެލި ހުންނާނީ 7.5 ޕަސެންޓުގައި ކަމަށެވެ. ނަމަވެސް މިހާރުގެ ލަފާ ކުރެވޭ ގޮތުގައި އިގްތިސޯދީ ދުވެލި 0.5 އާއި މައިނަސް 5.6 ޕަސެންޓަށް ވެއްޓޭނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!