މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީން ފެތުރެން ފެށި ކޮވިޑް19ގެ މައި މަރުކަޒަކަށް މިހާރު ވެފައިވަނީ ޔޫރަޕާއި އެމެރިކާ ބައްރެވެ. މި ބަލީގައި މިހާރު އެންމެ ގިނަ އަދަދަކަށް ފެތުރެމުން ދަނީވެސް އަދި މަރުވެފައިވަނީ ވެސް މި ސަރަހައްދުތަކުގައެވެ.
އެމެރިކާ ސަރުކާރުން އެންމެ ފުރަތަމަ ކޮވިޑު-19 އެހާ ސީރިއަސްކޮށް ނުނަގައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެއީ އާދައިގެ ރޯގާއެއް ކަމަށް ވިދާޅުވެ ފިނި ގޮތަކަށް އެކަން ނަގާފައެވެ. ފެބުރުއަރީމަހު ޓުރަމަޕް ބުނެފައި ވަނީ އޭޕްރީލްމަހު މިކަން މަޑުމަޑުން ނިމިދާނެކަމަށެވެ. މިކަމާއި ހާސްނުވުމަށާއި ހަމަޖެހުމަށް އެމެރިކާ ރައްޔިތުންގެ ކިބައިން ޓްރަމްޕް ވަނީ އެދިފައެވެ.
އެހެން ނަމަވެސް ކުއްލިއަކަށް އެ ވައިރަސް އެމެރިކާގައި ފެތުރެން ފެށުމުން އެމެރިކާއިން ވަނީ ކުއްލި ހާލަތު އިއުލާންކޮށްފައެެވެ. އެމެރިކާގައި އާދަޔާއި ހިލާފަށް ކޮވިޑް-19 ފެތުރެންފަށާ އިއްޔެ ވަނީ، 5,854 މީހުން މި ވައިރަސްއަށް ޕޮޒިޓިވް ވެފައެވެ. މިދިޔަ 24 ގަޑިއިރު ތެރޭ އެގައުމުން 2684 މީހުންނަށް އަލަށް މިވައިރަސްގެ އަސަރުކޮށްފައި ވެއެވެ.
މި އަދަދުތަކާއެކު އެމެރިކާއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 26892 މީހުންނަށްވުރެ މައްޗަށް އަރާފައެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 348 އަށް ވުރެ މައްޗަށް އަރާފައެވެ. ރަނގަޅުވި މީހުންގެ އަދަދަކީ 178 މީހުންނެވެ. ފާއިތުވި ދެތިން ދުވަސް ތެރޭގައި އެމެރިކާގައި ވަނީ ކޮވިޑް-19 ފެތުރުން އިތުރު ވެފައެވެ. ކޮވިޑް-19 ތިން ވަނަ އަށް އެންމެ ގިނަމީހުންނަށް މިހާރު ޖެހިފައި ވަނީ އެމެރިކާ މީހުންނަށެވެ.
ކޮރޯނާގެ ސަބަބުން އެމެރިކާ ނުރައްކާތެރި ޙާލަތަކަށް ވެއްޓިދާނެކަމަށް އިންޒާރުދީ މިދިޔަ ޖެނުއަރީމަހު ކަމާބެހޭ ފަރާތްތަކުން ރައީސް ޓްރަމްޕަށް ރިޕޯޓުކޮށް އެކަމާ އަޅާނުލެއްވި މައްސަލަ ވަނީ އެމެރިކާގައި ވަރަށް ހޫނުވެފައެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރަން އެމެރިކާ އިން އެކަށީގެންވާ ވަރަށް މަސައްކަތް ކުރަމުން ނުގެންދާ ކަމަށާއި އެހެންކަމުން ކުުރިއަށް އޮތްތަނުގައި އެމެރިކާގެ ހޮސްޕިޓަލްތަކަށް ނުކަތާ ވަރަށް ބަލި މީހުން އިތުރުވެ އެތައް ހާސް ބަޔަކު މަރުވެގެން ހިނގައިދާނެ ކަމަށް އެމެރިކާގެ އެންމެ މަޝްހޫރު އެއް ސާޖަން ކަމަށްވާ ޑރ.ކްރިގް ސްމިތުވެސްވަނީ ވިދާޅުވެ ޓްރަމްޕްއަށް ފާޑު ކިޔާފައެވެ.
ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހުން އެމެރިކާ އިން އެކަށީގެންވާ ގޮތެއްގައި ޓެސްޓް ނުކުރާކަމަށް ބުނެވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. އެމެރިކާގެ އޮފިޝަލުން ވިދާޅުވެފައި ވަނީ ޓެސްޓް ކުރުމުގެ ކަންކަން އިތުރު ކުރުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.
މެލޭރިއާއިން ސަލާމަތްވުމަށް އެމެރިކާގައިދޭ ޚާއްސަ ޑްރަގެއް، ކޮރޯނާއަށްދޭ ފަރުވާއެއްގެ ގޮތުގައި އެމެރިކާގެ ބޭސްވެރިކަމާ ބެހޭ އިދާރާ އެފްޑީއޭއިން އެޕްރޫވްކޮށްފިކަމަށް ރައީސް ޓްރަމްޕް ވިދާޅުވިތާ ގިނައިރެއްނުވެ އެއީ ދިރާސާކުރުމުގެ މަރުޙަލާގައި އޮތްކަމެއްކަމަށް އެފްޑީއޭއިން ބުނުމާއިއެކު ޓުރަމްޕް ދައްކާ ވާހަކަ ތަކަކާއި ކަމާބެހޭ މާހިރުންގެ ވާހަކަ ތަކާއި ދިމާނުވާކަމަށް ބުނެ ފާޑުކިއުން އަމާޒުވެފައިވެއެވެ.
ޓްރަމްޕް ގެންދަވަނީ ކެނޑިނޭޅި ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް އަށް "ޗައިނީޒް ވައިރަސް" މިހެން ވިދާޅުވަމުންނެވެ. އެއީ ކީއްވެގެން ވިދާޅުވާ އެއްޗެއްތޯ ނޫސްވެރިން ސުވާލުކުރެއްވުމުން ޖަވާބުގައި ވިދާޅުވީ، ސަބަބަކީ، އެ ވައިރަސް ފެށިގެން އައިސްފައިވަނީ ޗައިނާ އިންކަމަށް ވާތީ ކަމަށް ވިދާޅުވެ ފިނި ރައްދެއް ދެއްވާފަ އެވެ.
ވައިޓް ހައުސް ގައި އޮތް ޕްރެސް ކޮންފަރެންސެއް ގައި ޓްރަމްޕް ވަނީ އޭނާ ކޮރޯނާވައިރަސް ސިފަކުރެއްވި ގޮތް ދިފާޢުކުރައްވައި، އެއީ، "އެއްގޮތަކަށް ވެސް 'ރޭސިސްޓް' ކޮމެންޓެއް ނޫން ކަމަށް ވިދާޅުވެފައެވެ.
ކޮވިޑް-19 އަކީ، "ޗައިނާގެ ވައިރަސް" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮން ބުނުމާ ދެކޮޅަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) ގެ އޮފިޝަލުން ވަނީ ޓުރަމްއަށް އިންއިންޒާރުވެސް ދީފައެވެ. އެ ބޭފުޅުން ވިދާޅުވަނީ، އެ ގޮތަށް ބުނަމުންދިއުމުގެ ސަބަބުން 'ރޭޝަލް ޕްރޮފައިލިންގ' އަށް މެދުވެރިވެދާނެ ކަމަށެވެ.
ޑަބްލިޔުއެޗްއޯ އިން ޢާއްމު ނަމެއް މި ބައްޔަށް ދިނީ ވެސް ވަކި ގައުމެއް ނުވަތަ ގްރޫޕަކަށް ހުތުރު އަރާފާނެތީ އެވެ. އެގޮތުން ޖިއޮގްރަފީގޮތުން ވަކި ތަނަކަށް، ނުވަތަ ވަކި ޖަނަވާރަކަށް، ނުވަތަ މީހަކަށް، ނުވަތަ ބަޔަކަށް ނިސްބަތް ނުވާ ގޮތަށް ނަންދިނީ ގަސްތުގައި އެގޮތަށް ވިޔަނުދިނުމަށެވެ.
މިބައްޔަށް ދީފައިވާ ނަމުގެ ތެރެއިން 'ކޮ" ނިސްބަތްވަނީ 'ކޮރޯނާ' އަށެވެ. 'ވި' ނިސްބަތްވަނީ 'ވައިރަސް' އަށެވެ. އަދި 'ޑީ' ނިސްބަތްވަނީ 'ޑިޒީޒް' އަށެވެ. ކޮވިޑް-19 ފުރަތަމަ ފެނިފައިވަނީ މިދިޔަ އަހަރު ގެ ފަހުކޮޅު އެވެ.
އެމެރިކާގެ މިހާރުގެ ހާލަތުން އެވާހަކަ ލިޔެ ސަރުކަރަށް ޕްރެޝަރ ކުރާ ކޮންމެ ނޫހަކީ އަދި ޓްރަމްޕް ގަޔާނުވާ ކޮންމެ ނޫސް އެޖެންސީއަކީ ފޭކު ނިއުސްކަމަށް ނޫސްކޮންފަރެންސް ތަކުގައި ޓުރަމްޕް އަންނަނީ ތަކުރާރުކޮން ބުނަމުންނެވެ. ކޮންމެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓުރަމްޕް ދައްކާ ވާހަކަ ތަކުން އެމެރިކާގެ ސްޓޮކްމާކެޓްއަށް އެތައް ގެއްލުންތަކެއް އަންނަނީ ވަމުންނެވެ. މިކަމާއި އެކުވެސް ޓްރަމްޕް އަށް އަންނަނީ ފާޑުކިއުން އަމާޒުވަމުންނެވެ.
މިއަހަރުގެ ފަހުކޮޅު އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ޓުރަމްޕްގެ ކެންޕެއިންއަށްވެސް އަންނަނީ މިކަމުގެ ސަބަބުން ގޮންޖެހުން ކުރިމަތިވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!