އާދަމްބެގެ އިހުސާސް، އަހަރެމެންގެވެސް އިހުސާސް!

C781C2B0-6941-4A47-800E-44F37A6BA7BD

ދާދި ދެންމެއަކު އާދަމްބެއާއި ބައްދަލުވީ ގޭ ދޮށު މިސްކިތު ހަރިންމަ ފާރުގައި އަތް އަޅުވާލައިގެން ހުއްޓައެވެ. އާދަމްބެ ހުރީ މިސްކިތާއި ކުރިމަތިލައި، އިސް އުފުލާލައިގެންނެވެ.

އާދަމްބޭގެ ފަހަތުން ހުއްޓި ގޮވައިލީމެވެ. އާދަމްބެ ޖަވާބު ދެމުން "ކޮން ކުއްޖެއްތޯ؟" އަހައިލަމުން އެނބުރިލިއެވެ. އާދަމްބެ ހުރީ ފެންކަޅި ވެފައެވެ.

"ކޮއްކޯއެވެ! މިއީ ބޭބެ ދުވަހަކުވެސް ވެދާނެ ގޮތެއްކަމަށް ހިތަށް އެރި ކަމެއް ނޫނެވެ! ބިރުވެރި ރޯގާއެއްގެ ސަބަބުން މިސްކިތްތައް ބަންދު ކުރީއެވެ! ޖަމާއަތުގައި ނަމާދު ނުކެރޭވޭ ހާލަތަށް ދިޔައީއެވެ!"

" ސައުދީގައި އެންމެ ފަހުން ދެހަރަމް ފުޅުވެސް ބަންދު ކުރިވާހަކަ ރޭ އަޑުއެހީމެވެ!"

އާދަމްބޭގެ އުދާސްތައްއައީ ފަތި ފަށްޗަށެވެ.

"ބޭބެ އެންމެ ހިތް ދަތި ވަނީ ބަންގި ނިމޭ ގަޑީގައެވެ! ތިޔަ ބައިމީހުން ގޭގައި ނަމާދު ޤާއިމު ކުރާށޭ ބުނާ އަޑު އަހާފައި ހިތް ފަޅަގެން ދާހާވެއެވެ!"

ތެދެކެވެ. މިއަދު ދުނިޔެ މިދެކެނީ ހައުދަހާވާ ބޮޑު އިމްތިހާނެކެވެ. އާދަމްބޭ ފަދައިން އަހަރެމެންވެސް މިދުވަސް ބައްދަލުވާނޭ ކަމަކަށް ލަފައެއްވެސް ކުރެވިފައެއްނެތެވެ. މިސްކިތްތަކުގައި ޖަމާޢަތް ހަދައިގެން ނަމާދު ނުކުރެވޭނެ ހާލަތަށް ދުނިޔެ ގޮސްދާނެކަމަށް ހިތަށްވެސް ނާރައެވެ. އެފަދަ ދުވަހެއް އައި ކަމަށް އަޑެއްވެސް ނާހަމެވެ.

ޗައިނާގެ ވުހާނުން ބިންދާލި ކޮވިޑް-19ގެ ރާޅު މުޅި ދުނިޔެއަށް ފެތުރި، ދުނިޔެ މިވަނީ ރޯލަ ރޯލައެވެ. އެރާޅު ރާއްޖެއަށްވެސް ފޯރައިފިއެވެ. ކަމާބެހޭ ފަރާތްތަކުން ރައްކާތެރި ވުމުގެ އެތަކެއް ފިޔަވަޅެއް އަޅަމުންގޮސް މާލޭ ސިޓީއާއި ރިޒޯޓު ތަކުގެ މިސްކިތުގައި ވަކި މުއްދަތަކަށް ޖަމާއަތުގައި ނަމާދު ނުކުރަން ނިންމީއެވެ. މިއަދާއި، އަންނަ ހުކުރުވެސް މާލޭ ސިޓީގައި ނުކުރަން ނިންމީއެވެ. މިރޯގާ ފެތުރުނަ ނުދިނުމަށް ދުނިޔޭގެ އެތައް މުސްލިމް ޤައުމަކުން މިފަދަ ފިހަވަޅުތައް އެޅި ފަދައިންނެވެ.

ﷲ ތިބާއަށާއި އަހަރެންނަށް މި އިމްތިހާނާއި ކުރިމަތި ލުމުގެ ކެތްތެރިކަން ދެއްވާށި! މިބިރުވެރި ރޯގާއިން މިޤައުމާއި މި އުންމަތް ސަލާމަތް ކުރައްވައި، އަޅަމެންނަށް ވީހާވެސް އަހަކަށް މިހާލަތުން އަރައިގަތުމުގެ ނަސީބު މިންވަރު ކުރައްވާށި! އާމީން!

މިދުޢާއާއި އެކު އާދަމްބޭ ކޮބައިތޯ ބަލައިލަމުން ހިނގައިގަތީމެވެ. އާދަމްބޭ މިސްކިތާ ދިމާއަށް ހިނގައިގަތްތަން ދުށީތީއެވެ. އާދަމްބޭ މިހާރު އެއޮތީ ވުޟޫކުރާށެވެ!

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *