ކޮވިޑް19 ޓާސްކުފޯސްއިން ކުރަމުންދާ މަސައްކަތްތަކަށް ވޮލެންޓިއަރުން ހޯދުމަށް ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއިން އިޢުލާންކޮށްފިއެވެ.

އެކައުންސިލުން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ ޓާސްކްފޯސްއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން، ޓާސްކްފޯސް ހޮޓްލައިން 7750013 އާއި ގުޅުއްވުން އެދޭކަމަށެވެ.

Ad
rt

މުޅި ދުނިޔޭގައިވެސް މިހާރު ހަލުއިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ދިވެހިރާއްޖެއިންވެސް ފެނިފައިވުމާއެކު ރައްކާތެރި ފިޔަވަޅެއްގެ ގޮތުން އިހަވަންދޫގައި އަންނަީ ތަފާތު ހަރަކަތްތަކެއް ހިންގަމުންނެވެ. އެގޮތުން އެރަށު ޓާސްކް ފޯސްއިން އަންނަނީ ރަށަށް އަރާފައިބާ މީހުން ސްކްރީން ކުރުމާއި ޓްރެވެލް ހިސްޓްރީގެ މަޢުލޫމާތު އެއްކުރުމުގެ ހަރަކާތްތަކެއް ހިންގަމުންނެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވީ މޮނީޓަރިން ޑެސްކުގެ ޚިދުމަތް 24 ގަޑިއިރު ކުރިއަށް ގެންދާކަމަށާއި މިކަމުގައި ރަށު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރާކަމަށެވެ. ސަރުކާރާއި އިހަވަންދޫ ޓާކްފޯސްގެ އިރުޝާދުތަށް ކަނުލާ އަޑުއަހާ އެއަށް އަމަލު ކުރުމަށް ރަޝީދު އެދިލެއްވިއެވެ.

މީގެ އިތުރުން އިހަވަންދޫ ކައުންސިލުން ވަނީ އާއްމު ވިޔަފާރިތައް ހުޅުވާފަ ހުންނަ ވަގުތުތައް މިއަދުން ފެށިގެން ބަދަލުކޮށްފައެވެ.

  • ހެނދުނު 8:00 އިން 11:00 އަށް
  • ހަވީރު 4:00 އިން 6:00 އަށް
  • ރޭގަނޑު 8:00 އިން 10:00 އަށް

މި ގަޑި ތަކުގައި ވިޔަފާރި ކުރަން ދުރުވާއިރު ގުރޫޕް ހަދާފައި ނުދިޔުމާއި، ކުޑަ ކުދިންނާއި އުމުރުން ދުވަސްވީ މީހުން އަދި ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ ފަރާތްތަކުން ފިހާރަތަކަށް ނުދިޔުމަށް ސަމާލުކަން ދެއްވުން އެކައުންސިލުން އެދިފައިވެއެވެ.

އަދި ތަކެތި ގަތުމުގައި ގިނައިން ގަނެ ރައްކާކުރުމުގެ ބަދަލުގައި އާއްމު އުސޫލުން 5 ދުވަހަށް ވާ ވަރަށް ތަކެތި ގަންނަމުން ދިއުމަށްވެސް އެކައުންސިލުން ކުރި އިޢުލާނެއްގައި ދަންނަވާފައިވެއެވެ.