މާދަމާ އިން ފެށިގެން މާލޭގެ ފިހާރަތައް ބަންދުކޮށް، މުޅި މާލެ ލޮކްޑައުން ކުރާކަމަށް ދެކެވޭ ވާހަކަތައް އެއީ "ސީދާ ދޮގެއް" ކަމަށް ސަރުކާރުން ބުނެފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުގެ ފަރާތުން ކުރިއަށް ގެންދަމުން އަންނަ ސިލްސިލާ ނޫސްވެރިންގެ ބައްސަލުވުންތަކުގައި ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ މާލެ ލޮކްޑައުން ކުރާ ކަމަށް ބުނެ ވަރަށް ގިނައިން އޭނާ އާއި ވެސް ސުވާލު ކުރަމުން ގެންދާ ކަމަށާއި ނަމަވެސް އެއީ "ސީދާ ދޮގެއް" ކަމަށެވެ.
މާލެ ލޮކްޑައުން ކުރަން އުޅޭ ކަމަށް ބުނާ ވައިބަރ އަދި މީސްމީޑިޔާގެ ތަފާތު ވަސީލަތްތަކުން މެސެޖްތަކެއް، އިއްޔެ އިން ފެށިގެން އަންނަނީ ދައުރުވަމުންނެވެ. އެމެސެޖްތަކުގައި ބުނެފައި އޮންނަނީ މާލެ ލޮކްޑައުން ކުރުމަށް ނިންމާފައިވާކަން ފުލުހުންނާއި ސިފައިންނަށް ވެސް ސަރުކާރުން އަންގާފައިވާ ކަމަށެވެ. މިމެސެޖު ތަކާއި އެކު މީހުންގެ މެދުގައި ބިތުވެރިކަން އުފެދި ފިހާރަތަކުން ގިނައަދަދަކަށް އެޗެހިގަތުން ވަނީ އާންމުވެފައެވެ. މިގޮތައް އަމަލު ނުކުރުމަށް ސަރުކަރުން އަންނީ ނަސޭހަތް ތެރިވަމުންނެވެ. ރާއްޖޭގައި ކުރިއަށް އޮތް3 މަހަށް ވާވަރަށް ކާޑުގެ ބާވަތްތައް ހުރިކަމަށް މިރޭގެ ނޫސްކިންފަރެންސްގައި ސަރުކަރުގެ ފަރާތުން ހާމަކުރިއެވެ.
ކޮވިޑް-19 ހަލުވިކަމާއި އެކު ފެތުރެން ފެށުމުން މީގެ ކުރިން ދުނިޔޭގެ ބައެއް އެހެން ގައުމުތަކާއި ސިޓީތައް ލޮކްޑައުން ކޮށްފައި ވެއެވެ.
ނަމަވެސް ރާއްޖޭގައި އެފަދަ ފިޔަވަޅެއް އެޅުމުގެ ވިސްނުމެއް އަދި ނެތް ކަމަށް ސަރުކާރުން އަންނަނީ ތަކުރާރުކޮން ވިދާޅުވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!