ރާއްޖެ ހިމެނޭހެން މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާއި މެދު ރައްޔިތުން ރައްކާތެރިކޮށް ރައްޔިތުން ހޭލުންތެރި ކުރުމަށް ށ. މިލަންދޫގައިވެސް ގިނަ ހަރަކާތްތަކެއް ހިންގަމުން އެބަދެއެވެ.
ފިހާރަތަކާއި، ހޮޓާ ރެސްޓޯރެންޓު ކައިރީ އަތް ދޮވެވެވޭނެ އިންތިޒާމު ހަމަޖެއްސުން
ކޮވިޑް-19 އިން ރައްކާތެރިވުމަށް އެރަށުގެ ފިހާރަތަކާއި، ހޮޓާ ރެސްޓޯރެންޓު ކައިރީ ސައިބޯނި ލައިގެން އަތް ދޮވެވެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި އެރަށުގެ ބީއެމްއެލް އޭޓީއެމުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށްވެސް އަތް ދޮވެވޭނެ އިންތިޒާމުވަނީ ހަމަޖައްސައި ދީފައިއެވެ.

ކައުންސިލް އިދާރާއިން ޚިދުމަތް ހޯދާ ފަރާތްތަކަށް އަތްދޮވެވޭނެ އިންތިޒާމް ހަމަޖެއްސުން
ކޯވިޑް-19 އިން ރައްޔިތުން ރައްކާތެރިވުމުގެގޮތުން މިލަންދޫ ކައުންސިލް އިދާރާއިންވެސް ޚިދުމަތް ހޯދާ ފަރާތްތަކަށް އަތްދޮވެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ޞިއްހީމަރުކަޒުގައި ފްލޫ ކްލިނިކެއް ގާއިމްކުރުން
ހުންއައިސް، ރޯގާޖެހި، ކެއްސާ ކިނބިހި އަޅާ ނޭވާ ހިއްލާ ފަރާތްތަކަށް ހިދުމަތްދޭން ފްލޫ ކްލިނިކެއް ވަނީ ޞިއްހީމަރުކަޒުގައި ގާއިމްކޮށްފައެވެ.

ޕާރކުތަކާއި ރައްޔިތުން އާންމުކޮށް އެއްވެ އުޅޭތަންތަން ވަގުތީ ގޮތުން ބަންދުކުރުން
ކޮވިޑް- 19 އިން ރައްކާތެރިވުމަށް ޓާރސްފޯސް އާއި ވޮލިންޓިއަރ ޓީމް ގުޅިގެން ޕާރކުތަކާއި ރައްޔިތުން އާންމުކޮށް އެއްވެ އުޅޭތަންތަން ރައްޔިތުންގެވެސް ހިޔާލާއި މަސްވަރާގެ މަތިން ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ.

ކޮވިޑް- 19 އިން ރައްކާތެރިވުމާއިބެހޭ މަޢުލޫމާތު ރަށުގައި ދިރިއުޅޭ ބަގުލަދޭސް ރައްޔިތުންނަށް ފޯރުކޮށްދިނުން
ކޮވިޑް-19 އިން ރައްކާތެރިވުމާއިބެހޭ މަޢުލޫމާތު މިލަންދޫގައި ދިރިއުޅޭ ބަގުލަދޭސް ރައްޔިތުންނަށް ވަނީ ފޯރުކޮށްދީފައެވެ.

ކޮވިޑް- 19 އިން ރައްކާތެރިވުމަށް މިލަންދޫ ކޮވިޑް-19 ޓާރސްފޯސް އާއި ވޮލިންޓިއަރ ޓީމް ގުޅިގެން ކުރެވޭ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމާއި އެހީތެރިކަމަށް، ޓާސްކް ފޯހާއި، ވޮލިންޓިއަރ ޓީމްގެ ފަރާތުން ރައްޔިތުންނަށް ޝުކުރު އަދާކުރައްވައެވެ.
ކޮވިޑް-19 އަށް ރައްކާތެރިވުމަށް މުޅި ރާއްޖޭގައިދަނީ ފުޅާ ދާއިރާއެއްގައި މަސައްކަތްތަކެއް ކުރެވެމުންނެވެ.
ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ރާއްޖޭން ފެނިފައި ވާއިރު އެ އެންމެންނަކީ ވެސް ޓޫރިސްޓުނާއި ރިސޯޓްތަކުގެ ބިދޭސީ މުވައްޒަފުންނެެވެ. އޭގެ ތެރޭގައި ގިނައީ އިޓަލީ މީހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!