އިންޑިއާއިން އައި 2 މީހަކާއި، މެލޭޝިޔާއިން އައި މީހެއް ޓެސްޓު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
ކޮވިޑް-19އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހާމަ ކުރައްވަމުން ކޮވިޑް-19 އާއި ބެހޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ އައްޑޫ ސިޓީ، މަރަދޫގެ ދެ މީހެއްގެ ފަރާތުން އަލާމާތްތައް ފެންނާތީ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކަކީ މެލޭޝިއާއިން އައި މީހެކެވެ. އަނެއް މީހާއަކީ އިންޑިއާއިން އައި މީހެކެވެ. އެ ދެ މީހުން ވެސް ވަނީ އެކަހެރިކޮށްފަ ކަމަށް މަބުރޫކު ވިދާޅުވި އެވެ.
މަބުރޫކު ވިދާޅުވި ގޮތުގައި ދެން ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުން ދަނީ ތ. ގުރައިދޫގައި ހުރި މީހެކެވެ. އޭނާއަކީ ވެސް އިންޑިއާއިން އައި މީހެކެވެ.
އެ ތިން މީހުންވެސް ކޮވިޑް-19އަށް ޓެސްޓް ކުރަމުން ދަނީ ކިރިޔާ ވެސް ކޮވިޑް-19ގެ އަލާމާތެއް ހުރެއްޖެނަމަ، ޓެސްޓް ކުރާ އުސޫލުންނެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސާ މުރާދު ވިދާޅުވީ، އއ. ބަތަލާ ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ ފަހުން ދަރުމަވަންތަ ހޮސްޕިޓަލަށް ގެނެސް އެޑްމިޓް ކުރި މީހާގެ ހާލު މީހާރު ވަރަށް ރަނގަޅު ކަމަށެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަަނަ ފަންގިފިލާގައި ފަރުވާދެމުން ދަނީ ބަތަލާ ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 70 އަހަރުގެ އިޓަލީ ޓޫރިސްޓެކެވެ. ދަރުމަވަންތަ ހޮސްޕިޓަލަށް އޭނާ ބަދަލު ކޮށްފައި ވަނީ އިތުރު ފަރުވާދޭން ވެގެންނެވެ.
ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ރާއްޖޭންވެސް ފެނިފައި ވާއިރު އެ އެންމެންނަކީ ވެސް ޓޫރިސްޓުނާއި ރިސޯޓްތަކުގެ ބިދޭސީ މުވައްޒަފުންނެެވެ. އޭގެ ތެރޭގައި ގިނައީ އިޓަލީ މީހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!