ސްކޫލު ތަކުގައި ކިޔަވައިދިނުން ވަގުތީ ގޮތުން މެދުކަނޑާލަން ޖެހޭ ހާލަތްތަކުގައި ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި
ކުރިއަށް ގެންދިއުމަށް ރާވާފައިވާގޮތް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އާންމު ކޮށްފިއެވެ.
ތައުލީމާއި ބެހޭ ވުޒާރާއިން އާންމުކުރި ނޫސް ބަޔާނެއްގައި ބުނީ މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 15 މާރިޗު 2020 އިން 19 މާރިޗް 2020 އަށް ސްކޫލު ތަކުގައި ކިޔަވައިދިނުންވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފައިވާކަމަށެވެ.
"މި މުއްދަތުގައި އެއްވެސް ދަރިވަރަކު ސްކޫލަށް ހާޒިރެއް ނުވާނެއެވެ. އަދި މި މުއްދަތުގައި ދަރިވަރުންނަށް ފިލާވަޅުތައް ލިބޭނެގޮތް އިންތިޒާމްކުރެވޭނެއެވެ. ދަރިވަރުންނަށް ފިލާވަޅުތައް ފޯރުކޮށްދެވޭނީ ޕީއެސްއެމްގެ ޗެނެލަކުންނާއި ޔޫޓިއުބްފަދަ ވަސީލަތްތައް މެދުވެރިކޮށެވެ. އިންޓަރެކްޓިވް ސެޝަންތައް ކުރިއަށް ގެންދެވޭނީ އެޑިޔުޕޭޖްއާއި ގޫގުލް ކްލާސްރޫމާއި ޓެޑް.އެޑް ފަދަ ވަސީލަތްތައް މެދުވެރި ކޮށެވެ. އަދި އިތުރު ރިސޯސްތައް އެކަމަށް ޚާއްސަކުރެވިފައިވާ ވެބްޕޯރޓަލްއާއި ގޫގުލް ޑްރައިވް މެދުވެރިކޮށް ލިބެން ހުންނާނެއެވެ." އެބަޔާނުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން އެބަޔާނުގައިވަނީ މިހާރުދަނީ ހުރިހާ ގްރޭޑްތަކެއްގެ ފިލާވަޅުތައް ކުރިން ބަޔާންކުރެވުނު ވަސީލަތްތައް މެދުވެރިކޮށް ފޯރު ކޮށްދިނުމަށް
ތައްޔާރުވަމުންދާކަމަށެވެ. އަދި 2020 ވަނަ އަހަރު ގްރޭޑް 10 އެއްގައި ކިޔަވާ ދަރިވަރުންނާއި އޭ.އެސް ލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ ފިލާވަޅުތައް 15 މާރިޗް އިން ފެށިގެން ކުރިން ބަޔާންކުރި ވަސީލަތްތައް މެދުވެރިކޮށް ފޯރުކޮށްދެވޭނެ ކަމަށެވެ.
އޭގެ އިތުރުން އެހެނިހެން ގްރޭޑްތަކުގެ ފިލާވަޅުތައް ތައްޔާރުކުރުމުގެ މަސައްކަތްކުރިއަށް ދާކަމަށާއި،
ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލަން ޖެހުނު ކަމުގައިވިޔަސް އެވުޒާރާގެ އުއްމީދަކީ ދަރިވަރުންގެ ކިޔެވުން މެދު ނުކެނޑި ކުރިއަށް ގެންދިއުން ކަމަށެވެ.
އެބަޔާން ނިންމާލަމުން ބުނެފައިވަނީ ހުރިހާ ފަރާތްތަކަކުންވެސް ގިނަގިނައިން އަތް ދޮވުމާއި، ބަލިން ރައްކާވެތިބުމަށް ކަމާއި ގުޅުންހުރި ފަރާތްތަކުގެ އިރުޝާދާ އެއްގޮތަށް ޢަމަލު ކުރުމަށް އިލްތިމާސްކުރާކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!