އުތުރުގެ މައި ވައިގެ ދޮރާށި، ހަނިމާދޫ އިންޓަރނޭސަނަލް އެއަރޕޯޓާއި އިންޑިއާގެ ކޮޗިންއާއި ދެމެދު ޤައުމީ އެއަރލައިން، މޯލްޑިވިއަނުން ކުރަމުންއައި ދަތުރުތައް މެދު ކަނޑާލައިފިއެވެ.
ހަނިމާދޫ-ކޮޗިން ދަތުރުތައް މެދު ކަނޑާލިއިރު އެއަރލައިނުންދިޔައީ ހަފުތާއަކު 3 ދަތުރު ހަނިމާދޫއާއި ކޮޗިންނާއި ދެމެދު ބާއްވަމުންނެވެ.
މިދަތުރުތައް މެދުކަނޑާލިތާ ދެ ހަފުތާވަރު ވެދާނެކަމަށް ހަނިމާދޫ އެއަރޕޯރޓުން ވާހަކަ ދެއްކި ފަރާތަކުން މައުލޫމާތު ދީފައިވެއެވެ. މިދަތުރުތައް މެދު ކަނޑާލި ސަބަބު ހޯދަން މޯލްޑިވިއަންނާއި ގުޅުމަށް ކުރި މަސައްކަތް ކާމިޔާބު ވެފައިނުވާތީ، އިތުރު މައުލޫމާތު ލިބިފައެއް ނުވެއެވެ. އަދި މިދަތުރުތައް މެދު ކަނޑާލިކަމަށް މޯލްޑިވިއަނުން މިހާތަނަށް ބުނެފައެއްވެސް ނުވެއެވެ.
މިދަތުރުތައް މެދު ކަނޑާލި ސީދާ ސަބަބެއް މޯލްޑިވިއަނުން މިހާތަނަށް ހާމަ ކޮށްފައި ނުވިޔަސް ހަނިމާދޫ-ކޮޗިން ދަތުރުތައް މޯލްޑިވިއަނުން މެދުކަނޑާލީ ކޮވިޑް-19ގެ ނުރައްކާ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
މިދަނޑިވަޅަކީ، ސަރުކާރާއި، ކުންފުނިތަކުންވެސް ޚަރަދު ކުޑަކުރުމަށާއި، ރައްޔިތުންގެ ރައްކާތެރިކަމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެކެވެ.
އުތުރުގެ ރަށްޔިތުން ގިނަ އަދަދަކަށް ހަނިމާދޫ މަގުން ބޭސް ފަރުވާއަށް އިންޑިއާގެ ޓްރެވެންޑްރަމަށާއި، ކޮޗިންނަށް ދަތުރު ކުރެއެވެ. މޯލްޑިވިއަންގެ ދަތުރުތައް ހަނިމާދޫ މަގުން ކޮޗިންނަށް ފެށުމުން އުތުރުގެ ރައްޔިތުންނަށް އިތުރު ފަސޭހަކަން ލިބިގެން ދިޔައެވެ.
ޤައުމީ އެއަރލައިނުން ހަނިމާދޫ-ކޮޗިން ދަތުރުތައް ފަށާފައިވަނީ 28 އޮކްޓޯބަރު 2019 ގައެވެ. ޤައުމީ އެއަރލައިނުގެ ހަނިމާދޫ-ކޮޗިން ދަތުރުތައް މެދު ކަނޑާލި ނަމަވެސް މިހާރުވެސް ހަފުތާއަކު ހަނިމާދޫ-ޓްރެވެންޑްރަމް ދެ ފްލައިޓް އޮވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!