ކޮވިޑް-19 ގެ ނުރައްކާ ކުރިމަތި ވެފައިވާ މިދަނޑިވަޅުގައި އަމަލުތައް ބަހައްޓަންވީގޮތް ބަޔާންކޮށް އިސްލާމިކް މިނިސްޓްރީން ނޫސް ބަޔާނެއް ނެރެފިއެވެ.
އެނޫސް ބަޔާނުގައި ބުނެފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް (ނޮވެލް ކޮރޯނާ ވައިރަސް) ރާއްޖެއިން ފެނިފައިވުމާއި، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން، މިވައިރަސްގެ ޢަލާމާތްތައް ކަމަށް ބެލެވޭ ހުންއައުމާއި، ރޯގާ ޖެހުމާއި، ކެއްސާ ކިނބިހިއަޅާ މީހުންނާއި، ކަރަންޓީން ކޮށްފައިވާ ރަށަކަށް އަރައިފައިވާ މީހުން، ޢާއްމުން އެއްވެ އުޅޭ ޖަމާޢަތްތަކުގެ ތެރެއަށް ނިކުމެ ނޫޅުމަށާއި، މިސްކިތުގެ ޖަމާޢަތަށް ނުދިއުމަށް އިލްތިމާސްކުރާކަމަށެވެ.
މީގެ އިތުރުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތުގެ ޖަމާޢަތަށް ކުޑަކުދީންނާއި މުސްކުޅިން ޚާޝިރު ނުވުމަށްވެސް އިލްތިމާސް ކުރާކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
މިފަދަ ކަންކަމަކީ އިސްލާމް ދީނުގައި މިމަގަށް ބާރުއަޅާފައިވާ ކަންކަމެވެ. އެގޮތުން ބަލާއިރު ފިޔާ ލޮނުމެދު ފަދަތަކެތީގެ ވަހުގެ ސަބަބުން މީސްތަކުންނަށް އުނދަގޫވާތީވެ އެފަދަ ތަކެތި ކައިގެން މިސްކިތުގެ ޖަމާޢަތަށް ދިއުންވަނީ މަނާ ކުރެވިފައެވެ. އެހެންކަމަށްވާނަމަ ކޮވިޑް -19 ވައިރަސް (ނޮވެލް ކޮރޯނާ ވައިރަސް) ފަދަ ނުރައްކާތެރި ވައިރަހެއްގެ ޢަލާމާތްތައް ފެންނަ ފަރާތްތަކުން މިސްކިތުގެ ޖަމާޢަތަށް ނުދިއުމަކީ އިސްލާމް ދީނުގެ ރިވެތި އުޞޫލުތަކުގެ ތެރެއިން ހިމެނޭ ކަމެއްކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ. މާތްﷲ އިރާދަފުޅާއެކު މިފަދަ ނުރައްކާތެރި ބައްޔެއްގެ ޢަލާމާތްތައް ފެންނަ ހިނދު، ތިބާ މިސްކިތުގެ ޖަމާޢަތުން އެއްކިބާވެ ކުރާ ނަމާދަށް، ތިބާ ފުރިހަމަ ޞިއްޙަތެއްގައި ވީ ހިނދު، މިސްކިތުގެ ޖަމާޢަތުގައި ކުރާ ނަމާދަށް ލިބޭ ފުރިހަމަ ސަވާބު ލިބިގެން ދާނެއެވެ."
އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެބަޔާނުގައި މިފަދަ ދަނޑިވަޅުތަކުގައި، ﷲ ގެ ރަޙްމަތުން މާޔޫސްނުވެ، ސަބަބު ތަކުގައި ހިފާ، ފުރިހަމައަށް ﷲ އަށް ވަކީލު ކުރުމަށާއި، ގިނަ ގިނައިން ދުޢާކޮށް އުޅުމަށް ނަޞޭޙަތްތެރިވެފައިވެއެވެ. އަދި އެއިރަކަށް ބޭނުންވާ ދީނީ މަޢުލޫމާތު ޢިލްމުވެރިންގެ ލަފަޔާ އިރުޝާދުގެ ދަށުން ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާނެ ކަމުގައިވެސް އިސްލާމިކް މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
Noosbayaan: Covid-19, Novel Corona Virus ai fethuremun dhiuma gulhey#MVIaffairs pic.twitter.com/GE6xawVtIl
— Ministry of Islamic Affairs (@MVIaffairs) March 8, 2020
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!