ހއ. ފިއްލަދޫގެ ގޭގޭގައްޔާއި ގޯތިތަކުގައި، މަގުމައްޗަށް ވާގޮތަށް ހައްދާފައި ހުރި ގަސްގަހުގެ ތިރިވެފައިވާ އޮފިތައް ވީއެންމެ އަވަހަކަށް ކޮށައި އެއްވަރު ކުރުމަށް އެ ރަށު ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

މިކަމާ ގުޅިގެން ފިއްލަދޫ ކައުންސިލުން ނެރުނު އިޢުލާނެއްގައި ބަޔާންކޮށްފައިވަނީ، ގޭގޭގައްޔާއި ގޯތިތަކުގައި ހައްދާފައިވާ ގަސްގަހުގެ އޮފިތައް މަގުމައްޗަށް މާބޮޑަށް ތިރިވަމުންދާ ކަމަށެވެ.

އެގޮތަށް މަގުމައްޗަށް ގަސްތަކުގެ އޮފިތައް ތިރިވެފައި ހުރުމުގެ ސަބަބުން، މަގުތަކުން ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗެއްސަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް ކައުންސިލުން ފާހަގަކޮށްފައިވެއެވެ.

ކައުންސިލުން ބުނި ގޮތުގައި، މި މައްސަލައިގެ ސަބަބުން ދިމާވާ ދަތިތަކާ ގުޅިގެން ރައްޔިތުންގެ ފަރާތުން ތަކުރާރުކޮށް އެ ކައުންސިލަށް ޝަކުވާތައް ދަނީ ލިބެމުންނެވެ.

އެހެންކަމުން، މަގުމައްޗަށް ވާގޮތަށް ހައްދާފައިވާ ގަސްގަހުގެ ތެރެއިން 10 ފޫޓަށް ވުރެ ތިރިވެފައިވާ އޮފިތައް ވީއެންމެ އަވަހަކަށް ކޮށައި ސާފުކޮށްދިނުމަށް އެ ރަށުގެ ރައްޔިތުންގެ ކިބައިން ކައުންސިލުން ވަނީ އެދިފައެވެ.

މީގެއިތުރުން، ވެހިކަލް ދުއްވުމަށް ދަތިވާ މިންވަރަށް މަގުމައްޗަށް ތިރިވެފައި ހުންނަ ގަސްތަކުގެ އޮފިތައް ކޮށުމުގެ މަސައްކަތް ކައުންސިލުގެ ފަރާތުން ވެސް ކުރިއަށް ގެންދާނެ ކަމަށް އެ އިޢުލާނުގައި ބުނެފައިވެއެވެ.