ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައި ހދ. ވައިކަރަދޫ ކައުންސިލްގެ ރައީސް ގެ މަޤާމުގެ ނަތީޖާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިޢުލާން ކޮށްފިއެވެ.
އިސީއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ 2020 އޭޕްރިލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު، ހދ. ވައިކަރަދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ ޢަދަދަށް އެކަނި ކަމަށެވެ.
ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ޢަބްދުﷲ ޒާމިރު ދަފްތަރު: ނަންބަރު 30883، މާލެ (ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ) އިންތިޚާބުވެއްޖެކަން ޢާންމުކޮށް އަންގައި އިޢުލާންކުރާކަމަށެވެ.
ވައިކަރަދޫ އަކީ އަބަދުވެސް ސިޔާސީ ފޯރިޔާ އާއި ވާދަވެރިކަން ބޮޑު ރަށެކެވެ. ވައިކަރަދޫ ކައުންސިލުގެ 4 ވަނަ ދައުރުގެ ރައީސް ކަން ޒާމިރު އިންތިހާބުވިއިރު އެމްޑީޕީގެ ޕްރައިމަރީގައި 4 ފަރާތަކުން ވާދަކޮށްފައިވެއެވެ. ޒާމިރު ޕްރައިމަރީ ކާމިޔާބުކޮށްފައިވަނީ ބޮޑު އަގުލަބިއްޔަތަކުންނެވެ.
ޒާމިރުގެ ޢިލްމީ ޤާބިލުކަން ކަމަށް ބަލާލާއިރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީ އިން ޓޫރިޒަމް މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާރޒް ޑިގްރީ، ބަނމިންގހަމް ކޮލެޖް، ޔޫކޭ އިން ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް މެނޭޖްމަންޓްއިން ބެޗްލާރސް ޑިގްރީ (އޮނާރސް) އަދި ޔުނިވާރސިޓީ އޮފް ތޫލޫޒް، ފަރަންސޭސިވިލާތު ނޭޝަނަލް ޑިޕްލޮމާ ހާސިލްކޮސްފައި ވެއެވެ.
ޢަމަލީ ތަޖުރިބާ އަށްބަލާއިރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ލެކްޗަރަރ (ޕާޓް ޓައިމް). ހޮލިޑޭ އައިލޭންޑް ރިޒޯޓް އާއި ފަން އައިލޭންޑް ރިޒޯޓް ގައި ޖެނެރަލް މެނޭޖަރއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވެއެވެ.
އަންގާގާ އައިލޭންޑް ރިޒޯޓް ގައި ރެޒިޑެންސް މެނޭޖަރކަން ކުރައްވާފައިވާއިރު ޕެރަޑައިސް އައިލޭންޑް ރިޒޯޓް އެންޑް ސްޕާ ގައި ޓްރެއިނިންގ މެނޭޖަރ ކަން ކުރައްވާފައިވެއެވެ.
މިދިޔަ މަޖިލިސް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ޒާމިރުވަނީ ވާދަކޮށް ފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!