ކުޅުދުއްފުށީގައި ގަސްރުކަށް ފެތުރިފައިވާ ހުދުކޫޑި (ވައިޓް ފްލައި) ކޮންޓްރޯލް ކުރުމާއި ގުޅޭގޮތުން މައުލޫމާތު ދޭން ކުޅުދުއްފުށީ ކައުންސިލުން ނިންމައިފިއެވެ.
އެކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ކުޅުދުއްފުށީގެ ގިނަ ގަސްރުކަށް ހުދުކޫޑި (ވައިޓް ފްލައި) ފެތުރިފައިވާތީ ގަސްރުކަށް ދިމާވެފައިވާ މިމައްސަލަ ހައްލު ކުރާނެ ގޮތުގެ މަޢުލޫމާތު ދިނުމަށް ވަރަށް ހާއްސަ ބައްދަލުވުމެއް 8 މާރޗް 2020ވާ އާދިއްތަ ދުވަހުގެ ރޭގަނޑު 08:30ގައި ހދ. އަތޮޅު ތައުލީމީ މަރުކަޒު ހޯލްގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.
މިބައްދަލުވުމުގައި މަޢުލޫމާތު ދެއްވާނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ތަޖުރިބާކާރެކެވެ. ހުދުކޫޑި ކޮންޓްރޯލް ކުރުމަށް ބޭނުންކުރާނެ ބޭހާއި އެހެނިހެން ވަސީލަތްތައް ކުޅުދުއްފުއްޓަށް ގެނައުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއާއި ގުޅިގެން ކުރަމުންންދާކަމުގެ އެ ކައުންސިލުން ވަނީ ބުނެފައެވެ.
8 މާރޗް 2020ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި މިތަކެތި ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!