ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ނުރައްކާތެެރި ވައިރަސް، ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސްއާއި މެދު ހޭލުންތެެރި ކުރުމުގެ ސެސަންތަކެއް ބޭއްވުމަށް ޑަކްޓަރު މުހައްމަދު ޢަލީގެ އުފަން ސިޓީ، ކުޅުދުއްފުށީ ސިޓީއަށް ވަޑައި ގަތުމަށް ހަމަޖެހިއްޖެއެވެ.

އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑަކްޓަރު ކުޅުދުއްފުށީ ސިޓީގައި ކޮވިޑް-19 އާއި ބެހޭ މައުލޫމާތު ދިނުމުގެ މިސެސަންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މާރިޗް 7 ދުވަހު ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.

Ad
rt

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ފަރާތުން އިންތިޒާމު ކުރައްވާ މިސެސަންތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ތިން ސެސަނަކަށް ބަހާލައިގެންނެވެ.

އެގޮތުން އަންނަ ހޮނިހިރު ދުވަހު ބާއްވާ ފުރަތަމަ މައުލޫމާތު ދިނުމުގެ ސެސަން އޮންނާނީ ކުޅިދުއްފުށީ ސިޓީގައި ހުރި ސަރުކާރުގެ މުއައްސަސާ ތަކުގެ މުވައްޒަފުންނަށެވެ. އެ ސެސަން އޮންނާނީ އެދުވަހުގެ ހެނދުނު 10:00 ގައި، އެސިޓީގެ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައެވެ.

އެދުވަހުގެ ދުވަހުގެ ހަވީރު 16:30 ގައި އޮންނަ ދެވަނަ މައުލޫމާތު ދިނުމުގެ ސެސަން އޮންނާނީ އެސިޓީގެ ހދ. އަތޮޅު ތައުލީމީ މަރުކަޒާއި، ޖަލާލުއްދީން ސްކޫލްގެ ބެލެނިވެރިންނަށެވެ. މިސެސަންވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އެސިޓީގެ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައެވެ.

ހޮނިހިރު ދުވަހުގެ ރޭ 20:30 ގައި އޮންނަ ތިންވަނަ މައުލޫމާތު ދިނުމުގެ ސެސަން އޮންނާނީ ކުޅުދުއްފުށީ ސިޓީގެ އަފީފުއްދީން އަދި އަމީރުއަމީން ސްކޫލްގެ ބެލެނިވެރިންނަށެވެ. މިސެސަން ބޭއްވުމަށް ހަމަޖެހިފައިވަނީ އެސިޓީގެ އަފީފުއްދީން ސްކޫލްގެ ހޯލުގައެވެ.

މިސެސަންތަކުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށްވެސް ހުޅުވާލާފައިވާ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހާމަ ކުރައްވާފައިވެއެވެ.

ޑަކްޓަރު މުޙައްމަދު ޢަލީއަކީ ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ޑަކްޓަރެކެވެ. ޑަކްޓަރު މުޙައްމަދު ޢަލީ ގެންދަވަނީ ކޮވިޑް-19 އާއި މެދު ރައްޔިތުން ހޭލުންތެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަށްްވަމުންނެވެ.