ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އަސާސީ ގަވާއިދަށް ބޮޑެތި އިސްލާހުތަކެއް ގެނެސް، ދީނީ އިލްމުވެރިންގެ މަޖިލީހާއި އިތުރު ހަރަކާތްތަކެއް ހިމެނޭ ގޮތަށް އެ ގަވާއިދު އެ ޕާޓީގެ މަތީ މަޖިލީހުން އެންޑޯސްކޮށްފިއެވެ.

 

މި ބަދަލުތައް އެންޑޯސްކޮށްފައިވަނީ މިއަދު ހެނދުނު ފެށުނު ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގެ ދެވަނަ ދަންފަޅީގައި ބައިވެރިވެވަޑައިގެންނެވި މަންދޫބުންގެ އިއްތިފާގުންނެވެ.

މިއަދުގެ ބައްދަލުވުމުގައި އަސާސީ ގަވާއިދު ފުރަތަމަ މަތީ މަޖިލީހުން ފާސްކުރުމަށްފަހު ފާއިތުވި މުއްދަތުގައި އެ ގަވާއިދަށް ގެނެސްފައިވާ ހުރިހާ އިސްލާހުތަކެއްގެ ތަފުސީލު ވަނީ ހުށަހަޅައިފައެވެ.

Ad
ooredoo

އަސާސީ ގަވާއިދަށް ގެނެވުނު އިސްލާހުތަކާ ގުޅޭ ޕްރެޒެންޓޭޝަން ހުށަހަޅުއްވަމުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މޫސާ ފަތުހީ އާދަމް ވިދާޅުވީ، މި ބަދަލުތަކަކީ ޕާޓީގެ މެންބަރުންގެ އަދަދު އިތުރުވެފައިވާ މިންވަރަށް ބަލައި ގެންނަންޖެހޭ ބަދަލުތަކެއް ކަމަށެވެ.

ފަތުހީ ވިދާޅުވި ގޮތުގައި، އެކި ދާއިރާތަކަށް އަމާޒުކޮށްގެން ޕާޓީގެ ހަރަކާތްތައް ފުޅާކުރުމާއެކު، ގައުމަށް ލާބަހުރި ގޮތަށް ޕާޓީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި މުހިންމު އިސްލާހުތަކެއް ވަނީ އެކުލަވައިލެވިފައެވެ. އަދި ޕާޓީގެ އިސްސަފުން މެންބަރުންނަށް އޮންނަ ޖާގަ ފުޅާކޮށް، މެންބަރުންގެ ޝާމިލުވުން އިތުރުކުރުމުގެ ގޮތުން އާ ހަރަކާތްތަކެއް އުފައްދާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އަލަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި ޕާޓީގެ ދީނީ އިލްމުވެރިންގެ މަޖިލީހުގެ އިތުރުން އަންހެނުންގެ ހަރަކާތާއި ޒުވާނުންގެ ހަރަކާތް އަދި އިސްރަށްވެހިންގެ ހަރަކާތް އުފެއްދުން ހިމެނެއެވެ.

މީގެއިތުރުން ޕާޓީގެ ހަރަކާތްތައް އިތުރުކޮށް ފުޅާކުރުމުގެ ގޮތުން ޖުމްލަ 15 ކޮމިޓީއެއް ވަނީ އެކުލަވައިލައިފައެވެ. އެ ކޮމިޓީތަކުގެ ތެރޭގައި އިގުތިސާދީ މުހިއްމު ދާއިރާތަކާއި، ގައުމީ ސަލާމަތާއި، ސިއްހަތާއި، އިޖުތިމާއީ ކަންކަމުގެ އިތުރުން ސައެންސާއި ޓެކްނޮލޮޖީ ފަދަ އެހެނިހެން ދާއިރާތަކުގެ ކޮމިޓީތައް ހިމެނެއެވެ.

ކޮމިޓީތައް އެކުލަވައިލުމާއެކު، ޕާޓީގެ ދާއިރާތަކުގެ ރައީސުންނާއި ނައިބުރައީސުންގެ ދައުރާއި، ސްޓިއަރިން ކޮމިޓީތަކުގެ މަސައްކަތްތަކާއި އަދާކުރަންޖެހޭ ދައުރުވެސް އަސާސީ ގަވާއިދަށް ވަނީ އިތުރުކޮށްފައެވެ.

އަސާސީ ގަވާއިދު އެންޑޯސްކުރުމަށް ބޭއްވި މި ސެޝަނުގައި 1064 މަންދޫބުން ބައިވެރިވެވަޑައިގެންނެވި އިރު، ގެނެވުނު ހުރިހާ އިސްލާހުތަކާއެކު މުޅި ގަވާއިދު އެންޑޯސްކޮށްފައިވަނީ ބައިވެރިވި ހުރިހާ މަންދޫބުންގެ އިއްތިފާގުންނެވެ.