އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ)، އިންޖިނިއަރ އަދީބް ޔޫސުފް އަލް-އާމާ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު މުލީއާގޭގައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެފަރާތުގެ ދެމެދުގައި އޮތް އިޤްތިޞާދީ އެއްބާރުލުން އިތުރުކުރުމާއި، ވިޔަފާރި ކުރިއެރުވުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އޭގެ އިތުރުން އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި، ރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ދެބޭފުޅުންވެސް ވަނީ ދިވެހިރާއްޖެއާއި އައިޓީއެފްސީއާ ދެމެދު އޮތް ޒަމާންވީ އަދި ގާތް ގުޅުން ކުރިއަށް އޮތް ތަނުގައިވެސް އިތުރަށް ބަދަހިކުރުމަށްޓަކައި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އައިޓީއެފްސީއަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގްރޫޕުގެ ދަށުން ހިންގާ، ވިޔަފާރި ފައިނޭންސްކުރުމަށް ޚާއްޞަ އިސްލާމީ މާލީ އިދާރާއެކެވެ. ޖެނުއަރީ 2008 އިން ފެށިގެން އޮޕަރޭޓްކުރަމުން އަންނަ މި އިދާރާގެ މައި އޮފީސް ގާއިމުވެފައިވަނީ ސުޢޫދީ ޢަރަބިއްޔާގެ ޖައްދާގައެވެ. މި އިދާރާގެ މައިގަނޑު މަޤްޞަދަކީ އޯއައިސީގެ މެންބަރު ޤައުމުތަކުގެ މެދުގައި އޮންނަ ވިޔަފާރީގެ ގުޅުންތައް އިތުރަށް ފުޅާކޮށް ކުރިއެރުވުމެވެ.
އައިޓީއެފްސީން އަންނަނީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމަށް އެހީތެރިވެދިނުމުގެ ގޮތުން، ކާބޯތަކެއްޗާއި ހަކަތައިގެ ސަޕްލައި ޗެއިންތައް ރައްކާތެރިކުރުމަށާއި މުހިންމު އިމްޕޯޓާއި އެކްސްޕޯޓުގެ ބޭނުންތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން މުރާބަޙާ ފަދަ އިސްލާމީ މާލީ އުޞޫލުތަކާ އެއްގޮތަށް ޝަރީޢާ ހުއްދަކުރާ ވިޔަފާރި ފައިނޭންސިންގ ފޯރުކޮށްދިނުމުގެ އިތުރުން، ފަންނީ އެހީތެރިކަމާއި، ޤާބިލުކަން ނެގުމުގެ برنامޖުތަކާއި، ޑިޖިޓަލް ޓްރޭޑް އިނިޝިއޭޓިވްތައްވެސް އެ އިދާރާއިން ހިންގައެވެ.
މީގެ އިތުރުން، އައިޓީއެފްސީގެ އެހީތެރިކަން މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ޤައުމީ ތަރައްޤީއަށް މުހިންމު ދާއިރާތަކަށެވެ. އޭގެ ތެރޭގައި ހަކަތައިގެ ދާއިރާ (ތެލާއި ގޭސް އަދި ކަރަންޓުގެ ޚިދުމަތް)، ދަނޑުވެރިކަމަށް ބޭނުންވާ ތަކެއްޗާއި، މުހިންމު ކޮމޮޑިޓީސްގެ އިތުރުން، މެންބަރު ޤައުމުތަކުގެ ޤައުމީ ބޮޑެތި އުމްރާނީ ތަރައްޤީގެ ދާއިރާތައް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!