މިދުވަސްވަރު ރާއްޖޭގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ، މި ދުވަސްވަރު މި ބަލި ފެތުރޭ މިންވަރު އިތުރުވަމުންދާތީ އާންމު ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.
އެގޮތުން ބަލިން ރައްކާތެރިވުމުގެ ގޮތުން ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމާއި، ހާއްސަކޮށް ފާހާނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ރަނގަޅަށް އަތްދޮވުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. އަދި ފާހާނާ ބޭނުންކުރުމަށްފަހު ރަނގަޅަށް ސެނިޓައިޒްކޮށް ސާފުކުރުމަށްވެސް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.
ބޭރަށް ހިންގުން ޖެހިއްޖެނަމަ ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށްޓަކައި ގިނަގިނައިން ލޮނުޕެކެޓާއި، ފެން އަދި ސޫޕް ފަދަ ދިޔާތަކެތި ބޭނުންކުރުމަށް އެޗްޕީއޭއިން އިރުޝާދު ދެއެވެ.
މިދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން ދަނީ އިތުރުވަމުން، ބަލިން ރައްކާތެރި ވުމަށް ގިނަގިނައިން ލައިގެން އަތް ދޮވުން އިތުރު ކުރައްވާ !
#prevention #AGE pic.twitter.com/hePGK5Ni3f
— Health Protection Agency (@HPA_MV) September 6, 2026
މީގެއިތުރުން، ބޭރަށް ހިނގުމުގެ އިތުރުން ނުރައްކާތެރި އަލާމާތްތަކުގެ ތެރެއިން އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން ވަނީ ހަނދާންކޮށްދީފައެވެ. އެގޮތުން ގިނަގިނައިން ހޮޑުލެވުމާއި، މާބޮޑަށް ވަރުދެރަވެ ދިޔާތަކެތި ބޭނުން ކުރެވޭ މިންވަރު މަދުވުން ފަދަ އަލާމާތްތައް ހިމެނެއެވެ.
އޭގެ އިތުރުން ބޮލަށް އެނބުރުން އެރުމާއި، އާދަޔާ ހިލާފަށް ކަރުހިއްކުމާއި، އާދަޔާ ހިލާފަށް ބަނޑުގައި ރިއްސުމާއި، ލެވޭ ހޮޑުގައި ނުވަތަ ބޮޑުކަމުދާ ތަކެތީގައި ލޭގެ އަސަރު ހުރުމުގެ އިތުރުން ކުޑަކަމުދެވޭ މިންވަރު މަދުވާނަމަ އަވަހަށް ސިއްހީ އެހީތެރިކަން ހޯދަންޖެހެއެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، އަދި އަލާމާތްތައް ރަނގަޅުވި ނަމަވެސް އެއް ދުވަސް (24 ގަޑިއިރު) ވަންދެން ކުދިން ސްކޫލަށް ނުފޮނުވުމަށާއި، ބޮޑެތި މީހުންވެސް ވަޒީފާއަށް ނުނިކުތުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!