އަމިއްލަ ބޭނުންތަކަށް ނަގާ ލުއި ލޯނުތަކާއި ކްރެޑިޓް ކާޑުތަކަށް ރާއްޖޭގެ ބޭންކުތަކުން ދޫކޮށްފައިވާ ފައިސާގެ ޖުމްލަ އަދަދު 9.2 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

މަރުކަޒީ ބޭންކު، މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ދޫކޮށްފައިވާ މި އަދަދަކީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅައިބަލާއިރު 15 ޕަސެންޓުގެ އިތުރުވުމެކެވެ.

Ad
rt

އެމްއެމްއޭގެ ހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރު ފެށުނުއިރު ކްރެޑިޓް ކާޑުތަކާއި އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުތަކުގެ އަދަދު ހުރީ 8.7 ބިލިއަން ރުފިޔާގައެވެ. އެހެންކަމުން، މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި އެކަނިވެސް މި އަދަދު ވަނީ ގާތްގަނޑަކަށް 450 މިލިއަން ރުފިޔާއިން އިތުރުވެފައެވެ. އަދި މިދިޔަ އަހަރުގެ މެއި މަހު މި އަދަދު ހުރީ އަށް ބިލިއަން ރުފިޔާގައެވެ.

ފާއިތުވި ފަސް އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި އާންމުން އަމިއްލަ ބޭނުންތަކަށް ނަގާ ދަރަނި ވަނީ ރެކޯޑު އަދަދަކަށް މައްޗަށް ގޮސްފައެވެ. އެގޮތުން 2022 ވަނަ އަހަރު 4.5 ބިލިއަން ރުފިޔާގައި ހުރި މި ދަރަނި މިހާރު ވަނީ ގާތްގަނޑަކަށް ދެގުނައަށް އިތުރުވެފައެވެ. މިދިޔަ އަހަރު ނިމުނުއިރުވެސް އާންމުންގެ ލުއި ލޯނާއި ކްރެޑިޓް ކާޑުގެ ދަރަނި ހުރީ 8.5 ބިލިއަން ރުފިޔާގައެވެ.

ފާއިތުވި ފަސް އަހަރުގެ ތެރޭގައި އާންމުންނަށް ދޫކުރި ދަރަނި އިތުރުވަމުން އައިސްފައިވާ ގޮތަށް ބަލާއިރު، 2022 ވަނަ އަހަރު 4.5 ބިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، 2023 ވަނަ އަހަރު އެ އަދަދު ވަނީ 5.6 ބިލިއަން ރުފިޔާއަށް އަރާފައެވެ. އަދި 2024 ވަނަ އަހަރު 7.2 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، 2025 ވަނަ އަހަރު އެ އަދަދު ވަނީ 8.5 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައެވެ. މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް މި އަދަދު ވަނީ 9.2 ބިލިއަން ރުފިޔާއަށް އަރާފައެވެ.

މި ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި ފަސް އަހަރު ތެރޭގައި އެވްރެޖުކޮށް ކޮންމެ އަހަރަކުވެސް ލުއި ލޯނާއި ކްރެޑިޓް ކާޑުގެ ދަރަނި ބިލިއަނަކަށްވުރެ ގިނަ ރުފިޔާއިން އިތުރުވެފައިވެއެވެ. މީގެ ތެރެއިން އެންމެ ބޮޑު އަދަދަކަށް ދަރަނި އިތުރުވެފައިވަނީ 2023 ވަނަ އަހަރާއި 2024 ވަނަ އަހަރާ ދެމެދުގައެވެ. އެ މުއްދަތުގެ ތެރޭގައި އެކަނިވެސް 2.1 ބިލިއަން ރުފިޔާގެ އިތުރުވުމެއް އައިސްފައިވާކަމަށް އެމްއެމްއޭއިން ބުނެއެވެ.

އަމިއްލަ ބޭނުންތަކަށް ނަގާ ލުއި ލޯނާއި ކްރެޑިޓް ކާޑުތަކަށް ދޫކުރި ދަރަނި ބޮޑުތަނުން އިތުރުވަމުންދާއިރު، ބޭންކުތަކުން އެހެނިހެން ކަންކަމަށް ދޫކޮށްފައިވާ ލޯނުތަކުގެ ޖުމްލަ އަދަދުވެސް ވަނީ މައްޗަށް ގޮސްފައެވެ. އެގޮތުން މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެހެނިހެން ބޭނުންތަކަށް ދޫކުރި ލޯނުގެ އަދަދު 41.3 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖުލައި މަހު ހުރި 35.6 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 16 ޕަސެންޓުގެ އިތުރުވުމެކެވެ.