މީޑިއާތަކުން ފޯނު ކޯލްތަކާއި އެހެނިހެން މުޢާމަލާތްތައް ވަގުތުން ބްރޯޑްކާސްޓްކުރާނަމަ، އެ މުޢާމަލާތެއްގައި ބައިވެރިވާ ފަރާތަށް އެކަން ސާފުކޮށް އަންގައި، އެ މީހެއްގެ ރުހުން ހޯދަންޖެހޭނެ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އިން މިއަދު ބުނެފިއެވެ.
އެމްއެމްބީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މީޑިއާ އިދާރާތަކާއި، ނޫސްވެރިން އަދި މީޑިއާގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކުން ފޯނު ކޯލްތަކާއި، އިންޓަވިއުތަކާއި، އަދި އެހެނިހެން މުޢާމަލާތްތައް ލައިވް ޕްރޮގްރާމްތައް ހިމެނޭހެން ބްރޯޑްކާސްޓްކުރުމުގައި، ޤާނޫނުތަކާއި ޤަވާޢިދުތަކުގެ އިތުރުން ސުލޫކީ މިންގަނޑުތަކާއި ފަންނީ ހަމަތަކަށް ފުރިހަމައަށް ރިޢާޔަތްކުރަންޖެހޭނެ ކަމަށެވެ. އަދި އެ މީހަކަށް ނޭނގި ނުވަތަ ހުއްދަ ނެތި ހޯދާފައިވާ ރެކޯޑިންތަކާއި މައުލޫމާތުތައް ބްރޯޑްކާސްޓުކުރުމުގައި ގާނޫނާއި ނޫސްވެރިން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑާ ހިލާފު ނުވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
އެ ކޮމިޝަނުން ފާހަގަކުރި ގޮތުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާގައި ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި، ވަދެއުޅޭ ގެދޮރާއި، އަނެކުންނާ ކުރާ ޒާތީ މުޢާޞަލާތްތަކަކީ ޙުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަން ކަމުގައި ކަނޑައަޅައި، އެ ޙައްޤުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދީފައިވެއެވެ. މީގެއިތުރުން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ 38، 39، 40 އަދި 41 ވަނަ މާއްދާގައި ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން ދަމަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތައް ބަޔާންކޮށްފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ޚާއްޞަކޮށް އެ ޤާނޫނުގެ 39 ވަނަ މާއްދާގެ (ރ) ގައި ވަކިވަކި ފަރުދުންގެ ކަރާމާތާއި އަބުރު އަދި ނަފްސުގެ ޙުރުމަތް ރައްކާތެރިކުރުން ލާޒިމުކޮށްފައިވާއިރު، އެ މާއްދާގެ (ބ) ގައި އިންސާނީ ޙައްޤުތަކަށް އިޙްތިރާމުކުރުމަށް ވަނީ ބާރުއަޅާފައެވެ.
އާންމު މަސްލަހަތުގައި މައުލޫމާތު ހޯދުމާއި، ހޯދި މަގްސަދަށް އެކަނި މައުލޫމާތު ބޭނުންކުރުމާއި، މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ އިތުރުން، ޒާތީ މަޢުލޫމާތާއި މަސްދަރުތައް ރައްކާތެރިކޮށް ސިއްރު ދެމެހެއްޓުމަކީ މީޑިއާތަކުގެ މައްޗަށް ލާޒިމުވެގެންވާ ފަންނީ ޒިންމާތަކެއް ކަމަށްވެސް ކޮމިޝަނުން ހަނދާންކޮށްދީފައިވެއެވެ. އެހެންކަމުން، ފޯނު ކޯލަކަށް ޖަވާބުދޭ ނުވަތަ މުޢާމަލާތެއްގައި ބައިވެރިވާ ކޮންމެ މީހަކީ، އެ މުޢާމަލާތެއް އާންމުންނަށް ބްރޯޑްކާސްޓްކުރުމަށް އިއުތިރާޒެއް ނެތް ފަރާތެއްކަން ކަށަވަރުކުރަންޖެހޭނެ ކަމަށާއި، ފޯނު މުޢާމަލާތެއް ވަގުތުން ލައިވްކުރާނަމަ، އެއީ ވަގުތުން ބްރޯޑްކާސްޓްކުރެވެމުންދާ ކޯލެއްކަން އެ މީހަކަށް ސާފުކޮށް އަންގަންޖެހޭނެ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.
މީޑިއާ ކޮމިޝަނުން މި ބަޔާން ނެރެފައިވަނީ ރާއްޖެ ޓީވީން މިދިޔަ ބުރާސްފަތި ދުވަހު ދެއްކި "ފަށާއިރު" ޕްރޮގްރާމްގައި ސްޓެލްކޯގެ އެޗްއާރު ޑިޕާޓްމަންޓަށް އޮންއެއާގައި ގުޅައި އެ ތަނުގެ މުވައްޒަފަކާ ވާހަކަދެއްކި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.
ރާއްޖެ ޓީވީގެ އެ މުވައްޒަފު ސްޓެލްކޯއަށް ގުޅި ފުރަތަމަ ފަހަރު އެ ފަދަ އެއްވެސް ކަމެއް އަންގާފައެއް ނުވެއެވެ. އަދި ޕީއެންސީގެ ފޯމާ ގުޅޭ މައުލޫމާތު ސާފުކުރުމަށްފަހު ފޯނު ބޭއްވުމަށްފަހު، އެ ނަމްބަރަށް ދެ ވަނަ ފަހަރަށް ގުޅައި އެއީ ރާއްޖެ ޓީވީން ކަމަށް ބުނި ހިސާބުން ފޯނު ވަނީ ކެނޑިފައެވެ. އެ މައްސަލައާ ގުޅިގެން، ސްޓެލްކޯއިން ވަނީ އެޗްއާރު ޑިޕާޓްމަންޓުގެ އެ މުވައްޒަފު ސަސްޕެންޑުކޮށް، މައްސަލަ ބަލަން ފަށައިފައެވެ.
އެމްއެމްބީސީގެ ބަޔާނުގައި ވަނީ، މީހަކަށް ނޭނގި ނުވަތަ ހުއްދައަކާ ނުލައި ހޯދާފައިވާ ރެކޯޑިންތަކާއި މައުލޫމާތުތަކާ މެދު ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ. އަދި ރުހުން ހޯދުމާއި، އަމިއްލަ ދިރިއުޅުމުގެ ސިއްރު ހިފެހެއްޓުމާއި، ކަރާމާތް ރައްކާތެރިކުރުމާއި، އިންސާފުވެރިކަމާއެކު މުއާމަލާތްކުރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން ޙުރުމަތްތެރިކޮށް ހިތައި އަމަލުކުރުމަށް މީޑިއާ ކޮމިޝަނުން ވަނީ ގޮވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!