ޣައްޒާގެ އާބާދީއަށް ނުވަތަ އެ ސަރަހައްދުގެ ބިމަށް އެއްވެސް ބަދަލެއް ގެނައުމަށް ކުރެވޭ ކޮންމެ މަސައްކަތެއް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބަލައިނުގަންނާނެ ކަމަށް އެ އިއްތިހާދުން ބުނެފިއެވެ.

އީޔޫއިން މިކަން ހާމަކޮށްފައިވަނީ ޔޫރަޕިއަން ކޮމިޝަންގެ ތަރުޖަމާނު ކްރިސްޓިއަން ވިގަންޑް ހުކުރު ދުވަސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

Ad
rt

ތުރުކީގެ ''އަނަދޯލޫ އެޖެންސީން'' ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިގަންޑް ވިދާޅުވީ، އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ގަރާރު 2735 އާ އެއްގޮތަށް، ޣައްޒާގެ އާބާދީއަށް ނުވަތަ ބިމަށް ބަދަލުުގަންނަން ކުރާ އެއްވެސް މަސައްކަތެއް އީޔޫއިން ދެކޮޅުހަދާ ކަމަށެވެ. އަދި ހިފާފައިވާ ހުޅަނގު އައްސޭރިއާއި ޣައްޒާ، ފަލަސްތީނުގެ އެއް ސަރުކާރެއްގެ (ޕަލަސްޓީނިއަން އޮތޯރިޓީ) ދަށަށް ގެނައުމަށް އީޔޫއިން ތާއިދުކުރާ ކަން އޭނާ ތަކުރާރު ކުރެއްވިއެވެ.

"ޣައްޒާގެ ރައްޔިތުން މަޖުބޫރުން ނެރެލައިގެން ނުވާނެ،" ވިގަންޑް ވިދާޅުވިއެވެ. އަދި ޣައްޒާއަކީ މުސްތަގުބަލުގައި ގާއިމުކުރެވޭ ފަލަސްތީނު ދައުލަތުގެ އުނިނުކުރެވޭނެ ބައެއްކަން ފާހަގަކުރައްވަމުން، މަސްރަހު ނުކިއަމާންކުރާ ފަދަ ވާހަކަތަކަކީ "ބަލައިގަނެވޭނެ ކަންކަމެއް ނޫން" ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކުރަންވީ މަސްރަހު ފިނިކުރުމަށް ކަމަށް އޭނާ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.

އީޔޫއިން މިފަދަ ހަރުކަށި އިންޒާރެއް ދީފައިވަނީ، ޣައްޒާގައި ތިބި ފަލަސްތީނު ރައްޔިތުން އެ ސަރަހައްދުން ބޭރުކުރުމަށް އިސްރާއީލުގެ މަސްއޫލުވެރިން ރާވަމުންދާ ރޭވުންތަކާ ގުޅިގެންނެވެ. އެގޮތުން، އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް ދާދިފަހުން ވަނީ، ކަނޑުމަގުންނާއި ވައިގެމަގުން އަދި އެނޫންވެސް ހުރިހާ ގޮތަކުން ޣައްޒާގެ ރައްޔިތުން އެހެން ގައުމުތަކަށް ފޮނުވާލުމުގެ ކަންކަން ފަސޭހަކޮށްދިނުމަށް އިސްރާއީލު ސަރުކާރު އޮތީ ތައްޔާރަށް ކަމަށް ބުނެފައެވެ. އަދި މި މައްސަލައަށް އެނޫން ހައްލެއް ނެތް ކަމަށްވެސް އޭނާ ވަނީ ދައުވާކޮށްފައެވެ.

މީގެ އިތުރުން، އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު ޖައްބާރު އިތަމާރް ބެން-ގްވީރު ވަނީ ހަތް އަހަރު ދުވަހުގެ ތެރޭގައި ޣައްޒާގައި ދިރިއުޅޭ 1.86 މިލިއަން ފަލަސްތީނު ރައްޔިތުން އެހެން ތަންތަނަށް ބަދަލުކުރުމުގެ ޕްލޭނެއް ހުށަހަޅާފައެވެ. އޭނާ މި ކަން ސިފަކޮށްފައިވަނީ "އަމިއްލަ އިޚްތިޔާރުގައި ބަދަލުވުން" (ވޮލަންޓަރީ މައިގްރޭޝަން) ގެ ގޮތުގައެވެ.

ނަމަވެސް، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކުގެ ދަށުން، ހިފާފައިވާ ސަރަހައްދުތަކުން އާންމު ރައްޔިތުން މަޖުބޫރުން ބޭރުކުރުމަކީ މަނާކުރެވިފައިވާ ކަމެކެވެ. އަދި މިއީ ހަނގުރާމައިގެ ޖަރީމާއެއް (ވާ ކްރައިމް) ގެ ގޮތުގައި ބެލެވޭނެ ކަމެއް ކަމަށް ބައިނަލްއަގުވާމީ ގާނޫނުތަކުގައި ބަޔާންކޮށްފައިވެއެވެ.