ހދ. ކުޅުދުއްފުށި ސިޓީއަކީ ހިތްފަސޭހަ އަދި ދިރިއުޅެން ފަސޭހަ ތަނަކަށް ހެދުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ބޮޑުމުޙައްމަދު ކަލޭފާނު ބަނދަރު ސަރަހައްދުގައި ތަރައްޤީ ކުރެވުނު އައު ބަނދަރު އޮފީހާއި ލޭންޑްސްކޭޕް ކުރެވުނު ގްރީންޒޯން ރަސްމީކޮށް ހުޅުވައިފިއެވެ.

މި މަޝްރޫޢަކީ ހަތަރުވަނަ ދައުރުގެ ކުޅުދުއްފުށި ސިޓީ ކައުންސިލުން ފަށައި، އެ ކައުންސިލުގެ ތަރައްޤީގެ ޕްލޭންގައި ހިމަނައިގެން ކުރިއަށް ގެންދިޔަ މުހިންމު ޕްރޮޖެކްޓެކެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނީ، އަލަށް ހުޅުވުނު މި ބަނދަރު އޮފީހާއި ގްރީންޒޯނާއެކު މުޅި ސަރަހައްދަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށެވެ.

Ad
rt

ކުރިން އުތުރު ބަނދަރު ސަރަހައްދުގައި ކޮންޓެއިނަރެއްގައި ހިންގަމުންދިޔަ ބަނދަރު އޮފީހުގެ މަސައްކަތްތައް މިހާރު ވަނީ ޒަމާނީ ފެންވަރުގެ އައު އިމާރާތަކަށް ބަދަލުކޮށްފައެވެ. އެގޮތުން އަލަށް ހުޅުވުނު އޮފީހުގައި ޚިދުމަތް ދިނުމަށް ޚާއްޞަ ކައުންޓަރަކާއި، އޮފީސް ބަޔަކާއި، ގުދަނެއްގެ އިތުރުން، ބަނދަރު މޮނީޓަރުކޮށް ބެލެހެއްޓުމަށް ޚާއްޞަ ޓެރެސްއަކާއި ޢާންމު ފާޚާނާއެއް ހިމެނެއެވެ. މިއީ ބަނދަރުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

އާރްޓީއެލް މެދުވެރިކޮށް ދަތުރުފަތުރުގެ ނިޒާމުން ރަށްތައް ގުޅާލުމާ އެކު، ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 800 މީހުން ކުޅުދުއްފުއްޓަށް އަރާފައިބާ ކަމަށް ރެކޯޑްތަކުން ދައްކައެވެ. އެހެންކަމުން ބަނދަރު ސަރަހައްދު ތަރުތީބުކޮށް ފެހިކުރުމަށް ސިޓީ ކައުންސިލުން ވަނީ ވަރަށް ބޮޑު އިސްކަމެއް ދީފައެވެ. މި މަސައްކަތުގެ ސަބަބުން ރަށުގެ މަލަމައްޗަށް އިތުރު ފުރިހަމަކަމެއް ލިބި، އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މި މަޝްރޫޢުގެ މާލީ ތަފްޞީލަށް ބަލާއިރު، ބަނދަރު އޮފީހުގެ މަސައްކަތަށް ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ބަޖެޓުން 3,342,210 (ތިން މިލިއަން ތިންލައްކަ ސާޅީސްދެހާސް ދުއިއްސައްތަ ދިހަ) ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދިޔަ މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާފައިވަނީ ކެނަލް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެނެވެ. އަދި ބަނދަރު އޮފީހުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ވޭވްލެންތް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނެވެ. ބަނދަރު އޮފީސް އިމާރާތް ކުރުމުގެ މަސައްކަތަށް ކައުންސިލްގެ ބަޖެޓުން 1,060,160 (އެއްމިލިއަން ފަސްދޮޅަސް ހާސް އެއްސަތޭކަ ފަސްދޮޅަސް) ރުފިޔާ ޚަރަދު ކުރެވިފައިވެއެވެ.

މިއީ ބަނދަރުގެ އޮޕަރޭޝަންތައް ހަރުދަނާކޮށް، ބަނދަރުގެ ހަރަކާތްތައް ތަރުތީބުކުރުމުގެ އިތުރުން، ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ތަރައްޤީކުރި ތަންތަނެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުގެ މައިގަނޑު އަމާޒަކީ ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ފަސޭހަކޮށްދިނުން ކަމަށް އެ ކައުންސިލުން ބުނެއެވެ. އަލަށް ހުޅުވިގެންދިޔަ ބަނދަރު އޮފީހާއި ގްރީންޒޯނާއެކު، ބަނދަރުގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާވެ، ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.