ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ޙާޞިލްކުރުމުގެ ފުރުސަތުތަކާ ގުޅޭ މަޢުލޫމާތު ދިނުމަށް ބާއްވާ އެޑިއުވެސްޓް ސްޓަޑީ އެބްރޯޑް އެކްސްޕޯ މިއަދު ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި އެކްސްޕޯގެ ތެރެއިން މިއަދު ދެ އިވެންޓެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

Ad
rt

އެޑިއުވެސްޓުން މަޢުލޫމާތު ދޭ ގޮތުގައި، މިއަދުގެ ފުރަތަމަ ހަރަކާތެއްގެ ގޮތުގައި ކުރިއަށްދާނީ ހަވީރު 3:30 އިން 4:30 އަށް ބާއްވާ "ފިއުޗަރ ކެރިއަރ ސެޝަން" އެވެ. މި ސެޝަންގައި ބައިވެރިވާ ޔުނިވަރސިޓީތަކުގެ މަންދޫބުން ކެރިއަރ ޓޯކް ދެއްވުމުގެ އިތުރުން، އެކި ވަޒީފާގެ ދާއިރާތަކާއި، ހުރި ފުރުސަތުތަކާއި ކިޔެވޭނެ ގޮތްތަކުގެ މަޢުލޫމާތު ހިއްސާކުރާނެއެވެ. މިއީ އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ، ހިލޭ ސައި ލިބޭނެ ސެޝަނެކެވެ.

މި އެކްސްޕޯގެ ދެވަނަ އިވެންޓް ކުރިއަށް ދާނީ މިރޭ 7:00 އިން 10:00 އަށެވެ. މި އިވެންޓުގައި އެކްސްޕޯގައި ބައިވެރިވާ ޔުނިވަރސިޓީތަކުގެ މަންދޫބުންނާ ސީދާ ބައްދަލުކޮށް މަޢުލޫމާތު ސާފުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މީގެއިތުރުން އެކްސްޕޯގެ ތެރެއިން ލަކީ ޑްރޯއެއް ކުރިއަށްދާއިރު، މި އިވެންޓުގައި ޕްލޭސްމަންޓް ކަށަވަރުކުރާ ފަރާތްތަކަށް މެލޭޝިއާގެ ހިލޭ ޓިކެޓް ލިބުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް އެޑިއުވެސްޓުން ހާމަކުރެއެވެ.

ރާއްޖެއިން ބޭރުން ކިޔަވަން ޝައުޤުވެރިވާ ފަރާތްތަކުން އެޑިއުވެސްޓްގެ ރަސްމީ ފޭސްބުކް ޕޭޖުގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީވުމަށް އެ ފަރާތުން ވަނީ އެދިފައެވެ.