މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ގާނޫނާ ހިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާ ބެހޭ މައުލޫމާތު ހިއްސާކޮށްދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުންގެ ކިބައިން އެދިއްޖެއެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މިފަދަ މައުލޫމާތުތައް ހިއްސާކުރަން ޖެހެނީ މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށްޓަކައި ހާއްސަކޮށް އެކުލަވާލާފައިވާ ޓާސްކްފޯސްއަށެވެ. އެގޮތުން، ގާނޫނާ ހިލާފަށް ފައިސާ މާރުކުރާ ފަރާތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރަން ބޭނުންވާ ފަރާތްތަކުން، ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖުކުރުމަށް ފުލުހުން ވަނީ އެދިފައެވެ. މި ނަންބަރަށް އެސްއެމްއެސްގެ އިތުރުން ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ މެސެޖިންގ އެޕްލިކޭޝަންތައް މެދުވެރިކޮށް ވެސް މައުލޫމާތު ފޮނުވޭނެ ކަމަށް ފުލުހުން ބުނެއެވެ.

Ad
rt

މީގެއިތުރުން، އެ ނަންބަރަށް މެސެޖުކޮށް މައުލޫމާތު ހިއްސާކުރާ ފަރާތްތަކުގެ ވަނަވަރާއި އެ ފަރާތްތަކުން ދޭ މައުލޫމާތު ފުރިހަމައަށް ރައްކާތެރިކޮށްދެވޭނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ. އަދި މިގޮތަށް މައުލޫމާތު ދޭ ފަރާތްތަކުން މައްސަލައިގެ ތަހުގީގީ އެއްވެސް އިޖުރާއަތެއްގައި ބައިވެރިވާން ނުޖެހޭނެ ކަމަށް ވެސް ފުލުހުން ވަނީ ބަޔާންކޮށްފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، އެކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ.