މަސްތުވާތަކެއްޗާއި ހަތިޔާރުގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް، ބްރެޒިލްގެ މަޝްހޫރު ކްލަބް ވާސްކޯ ޑަ ގާމާގެ ފޯވާޑް ޑޭވިޑް ކޮރެއާގެ ގެ އެ ގައުމުގެ ފުލުހުން ބަލައިފާސްކޮށްފިއެވެ.
ކަމާބެހޭ ފަރާތްތަކުން ހޯމަ ދުވަހު ހާމަކުރި ގޮތުގައި، މި މައްސަލައިގައި ބްރެޒިލްގެ ދެވަނަ ޑިވިޝަނުގެ ކުޅުންތެރިއެއްގެ މައްޗަށް ވެސް ދަނީ ތަހުގީގު ހިންގަމުންނެވެ.
ސަޕޯޓަރުންގެ މެދުގައި 'ޑީވީޑީ' ގެ ނަމުން މަޝްހޫރު، އުމުރުން 30 އަހަރުގެ ކޮރެއާ އަކީ އެ ޓީމުގެ މުހިންމު އެއް ކުޅުންތެރިޔާއެވެ. ފުލުހުންގެ މި އޮޕަރޭޝަނާ ގުޅިގެން ރިއޯ ޑި ޖެނީރޯގައި ހުންނަ ކްލަބުގެ ޓްރެއިނިން ދަނޑުން އޭނާ ނުކުމެގެން ގޮސްފައިވަނީ މި މައްސަލައާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ނުދައްކައެވެ.
އެސްޕިރިޓޯ ސަންޓޯގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ތަހުގީގުތަކަކީ ކުށްތައް ސާފުކުރުމަށާއި ތަހުގީގު ކުރެވެމުންދާ ކުށްކުރާ ވިއުގަ ރޫޅާލުމަށް ބޭނުންވާ ހެކި ހޯދުމަށް ހިންގޭ އޮޕަރޭޝަނެއް ކަމަށެވެ. 'ދަ ޓްރޫޕް' ގެ ނަމުގައި ކުރިއަށްގެންދާ މި އޮޕަރޭޝަނަށް އެ ނަން ދީފައިވަނީ ތަހުގީގުކުރެވޭ ފަރާތްތަކުން އެ ކުށްކުރާ ޖަމާއަތަށް ބޭނުންކުރަމުން އައި ނަމާ ގުޅުވައިގެންނެވެ.
ވާސްކޯ ޑަ ގާމާއިން ބުނެފައިވަނީ ކޮރެއާ އުފަންވި އެސްޕިރިޓޯ ސަންޓޯ ސްޓޭޓުގެ ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ދެމުން އަންނަ ކަމަށެވެ. ކޮރެއާ ވަނީ މި ސީޒަނުގެ ބްރެޒިލް ލީގުގައި އެ ކްލަބަށް 21 މެޗު ކުޅެދީ ތިން ލަނޑު ޖަހައިދީފައެވެ. އޭގެ ތެރެއިން އެންމެ ފަހު ލަނޑު ޖަހާފައިވަނީ ހޮނިހިރު ދުވަހު ކްރޫޒޭރޯ އަތުން 3-1 އިން ޓީމު މޮޅުވި މެޗުގައެވެ.
މި މައްސަލައިގެ ތަހުގީގުގައި ދެން ހިމެނެނީ ދެވަނަ ޑިވިޝަނުގެ ކްލަބް ވިލާ ނޯވާ އަށް މިހާރު ކުޅެމުން އަންނަ، އަދި ކުރިން ސަންތޯސް އަށް ވެސް ކުޅެފައިވާ ކަނާތު ބެކް ހައިނާ ކޯޑޭރޯއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!