ދިވެހިރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ގެ ހިންގުން ލާމަރުކަޒީކޮށް، މުޅި ރާއްޖެއަށް ފުޓްބޯޅަ ފުޅާކުރުމުގެ ގޮތުން ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަންތަކުގެ އޮފީސްތައް ޤާއިމުކުރާނެ ރަށްތައް އެ އެސޯސިއޭޝަނުން ކަނޑައަޅައިފިއެވެ.
ނިންމުން ނިންމާފައިވަނީ ރޭ ބޭއްވުނު އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީ (އެކްސްކޯ) ގެ 16 ވަނަ ބައްދަލުވުމުގައެވެ. މި މަޝްރޫޢުގެ ދަށުން އޮފީސްތައް ޤާއިމުކުރުމަށް ކަނޑައަޅާފައިވަނީ ނޯތު، ސެންޓްރަލް، މާލެ އަދި ސައުތު ރީޖަންގެ އިދާރާތަކެވެ.
އެގޮތުން ނޯތު ރީޖަން ފުޓްބޯލް އެސޯސިއޭޝަންގެ އޮފީސް ގާއިމުކުރަން ނިންމާފައި ވަނީ ބޮޑުތިލަދުންމަތިން ފުރަތަމަ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވި ޓީމްގެ ޝަރަފް ހޯދި ހއ. ދިއްދޫގައެވެ.
ސެންޓްރަލް ރީޖަން ފުޓްބޯލް އެސޯސިއޭޝަންގެ އޮފީސް ޤާއިމުކުރުމަށް ކަނޑައަޅާފައިވަނީ އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގް (ޓޮމް)ގެ ރަށް އދ. މަހިބަދޫގައެވެ. މީގެ އިތުރުން މާލެ ރީޖަން ފުޓްބޯލް އެސޯސިއޭޝަންގެ އޮފީސް މާލޭގައި ޤާއިމުކުރާއިރު، ސައުތު ރީޖަން ފުޓްބޯލް އެސޯސިއޭޝަންގެ އޮފީސް ޤާއިމުކުރުމަށް ނިންމާފައިވަނީ ލ. ގަމުގައެވެ.
ރީޖަނަލް އޮފީސްތަކުގެ އިތުރުން، ރާއްޖޭގެ ފުޓްބޯޅައިގެ ހުނަރު އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމުގެ ބޭނުމުގައި، އެފްއޭއެމްގެ ޚާއްޞަ ޑިވެލޮޕްމަންޓް އޮފީހެއް ބ. އޭދަފުށީގައި ޤާއިމުކުރުމަށްވެސް ރޭގެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.
އެފްއޭއެމުން ބުނި ގޮތުގައި ރީޖަނަލް އެސޯސިއޭޝަންތައް ޤާއިމުކުރުމަށް ހޮވާލެވުނު ރަށްތަކަކީ ފުޓްބޯޅައިގެ ފޯރި ގަދަ، އަދި މިހާރުވެސް ދަނޑުތަކާއެކު އަސާސީ ވަސީލަތްތައް ޤާއިމުވެފައިވާ ރަށްތަކެކެވެ. މި ބަދަލުގެ މައިގަނޑު އެއް އަމާޒަކީ މުބާރާތްތައް މާލެއަށް އެކަނި ބުރަވެފައި އޮތް އޮތުން ބަދަލުކޮށް، އަތޮޅުތަކުގެ ކްލަބްތަކަށް ސީދާ އެފްއޭއެމްގެ ނިޒާމުގެ ތެރެއިން ވާދަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
އެފްއޭއެމް ލާމަރުކަޒުކޮށް ރީޖަނަލް އޮފީސްތައް ގާއިމުކުރުމަކީ އެފްއޭއެމްގެ މިހާރުގެ ރައީސް ތޯރިގް އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރެއްވިއިރު ވެފައިވާ ވައުދެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!