ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭރު ފައިސާއާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ބިލު ތަޞްދީޤުކުރައްވާފައިވާއިރު، މި އިޞްލާޙަށް ޢަމަލުކުރަން ފަށާނީ 1 ސެޕްޓެންބަރު 2026 އިން ފެށިގެންނެވެ.
މި ބިލަކީ 2026 އޯގަސްޓް 26 ވީ ބުދަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. މި އިޞްލާޙުގެ ދަށުން ބޭރު ފައިސާ ގަނެވިއްކޭނީ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ކަނޑައަޅާ ރޭޓުތަކަށް ނުވަތަ ބޭންޑުތަކަށްވުރެ މަތިނުވާ ގޮތަށް ކަމަށް ކަނޑައަޅައި، ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރެވޭނީ އެ އޮތޯރިޓީން ދޫކުރާ ލައިސަންސެއް ހޯދައިގެން ކަމަށް ވަނީ ނިންމައިފައެވެ.
ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ބަލާއިރު، ޤާނޫނުގައި ކަނޑައަޅައިފައިވާ ކެޓެގަރީ އޭ ޓޫރިޒަމް އެސްޓެބްލިޝްމަންޓްތަކުން މަހަކު ލިބޭ ގްރޮސް ސޭލްސްގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރަންޖެހޭނެއެވެ. އަދި މީގެ ކުރިން އޮތް ބޮލަކަށް 500 އެމެރިކާ ޑޮލަރު މާރުކުރުމުގެ އޮޕްޝަން މި އިޞްލާޙާއެކު ވަނީ އުނިކޮށްފައެވެ. މީގެއިތުރުން، ކެޓެގަރީ ބީ އެސްޓެބްލިޝްމަންޓްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ ގްރޮސް ސޭލްސްގެ 20 އިންސައްތަ މާރުކުރަންވާނެ ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.
މި ބިލުގެ ދަށުން ޑޮލަރުން އާމްދަނީ ލިބޭ އެހެނިހެން ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރަންޖެހޭ މިންގަނޑުތަކަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ޓޫރިޒަމް ދާއިރާ ފިޔަވައި ޑޮލަރުން އާމްދަނީ ލިބޭ އެހެން ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރަންޖެހޭ މިންގަނޑު 15,000,000.00 (ފަނަރަ މިލިއަން) އިން 25,000,000.00 (ފަންސަވީސް މިލިއަން) އެމެރިކާ ޑޮލަރަށް ވަނީ ބަދަލުކޮށްފައެވެ.
އަހަރަކު 25 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނައިން އާމްދަނީ ލިބޭ ޓޫރިޒަމް ނޫން އެހެން ވިޔަފާރިތަކުން ގްރޮސް ސޭލްސްގެ 40 އިންސައްތަ ބޭންކަކަށް މާރުކުރަންޖެހޭއިރު، އޭގެ ތެރެއިން 100 އިންސައްތަ ދިވެހި ވިޔަފާރިތަކުން މާރުކުރަންޖެހޭނީ 7 އިންސައްތައެވެ. މިގޮތަށް މާރުކުރަންޖެހޭ ފައިސާ، ޖެހިގެން އަންނަ މަހުގެ 28 ގެ ކުރިން، އެމް.އެމް.އޭއިން ލައިސަންސް ދީފައިވާ ބޭންކެއްގައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޖަމާކޮށް މާރުކޮށް ނިންމަންޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
އަލަށް ގެނެވުނު އިޞްލާޙާއެކު، އެމް.އެމް.އޭއިން ބޭރު ފައިސާ ގަނެވިއްކުމަށް ރަސްމީކޮށް ކަނޑައަޅައިފައިވާ ރޭޓަށްވުރެ މަތީ ރޭޓެއްގައި ޑޮލަރު ވިއްކުމާއި، ވިއްކަން އުޅުމާއި، އިޝްތިހާރުކުރުމަކީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ. މިފަދަ ކުށްތަކަށް ދެވޭ އަދަބެއްގެ ގޮތުން އަމިއްލަ ފަރުދުން 25,000 ރުފިޔާއާއި 1,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ޤާނޫނީ ޝަޚްޞުތައް 100,000 ރުފިޔާއާއި 5,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!