ހއ.މުރައިދޫގައި ޤާއިމްކޮއްފައި ހުންނަ މޮނިޔުމަންޓް މަރާމާތުކޮށް، ޒީނަތްތެރިކުރުމުގެ މަސައްކަތް، އެ އަތޮޅު ދިއްދޫ ޕޮލިހާއި އެ ރަށު ޕޮލިސްގެ އެހީތެރިކަމާއެކު، ކުރިއަށް ގެންދަން ފަށައިފިއެވެ.

މުރައިދޫ ކައުންސިލްގެ ރައީސް އަމްޖަދު މުޙައްމަދު "ތިލަދުން"އަށް ވިދާޅުވީ މި މަސައްކަތަކީ، "މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމެންޓް"އާ ގުޅިގެން ރަށުތެރެ ރީތި ކުރުމުގެ ޕްރޮގްރާމްގެ ދަށުން ކުރެވޭ މަސައްކަތެއްކަމަށެވެ.

Ad
rt

16 ނޮވެމްބަރ 2025ގައި ބެހެއްޓިފައިވާ މި މޮނިޔުމަންޓްގެ މަރާމާތުގެ މަސައްކަތް ދެ ދުވަހެއްގެ ތެރޭގައި ނިމޭނެކަމަށް ވެސް އަމްޖަދު ވިދާޅުވިއެވެ.

މުރައިދޫ މޮނިޔުމަންޓް މަރާމާތުކުރުމުގެ މަސައްކަތް ކުރަނީ، ފޮޓޯ: މުރައިދޫ ކައުންސިލް

މި މަސައްކަތަށް، ދިއްދޫ ޕޮލިހާއި، މުރައިދޫ ޕޮލިސްގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އެ ކައުންސިލުން ޝުކުރު ދަންނަވާފައިވެއެވެ. އޭގެ އިތުރުން މި މަސައްކަތް ކުރުމަށް އެ ރަށުގައި ފައިބަރ މަސައްކަތް ކުރައްވާ ފަރާތެއްކަމަށްވާ މުޙައްމަދު ނިޒާމްގެ އެހީތެރިކަން ޝުކުރުވެރިކަމާއެކު ކައުންސިލުން ފާހަގަ ކޮއްފައިވެއެވެ.

އޭގެއިތުރުން އެ ރަށުގެ، ސެންޓަރ ސްކޮޔަރ އަދި ބޮނބި ފަންނު ބީޗާއި ޕާކު މަރާމާތުކޮށް، ޒީނަތްތެރިކުރުމުގެ މަސައްކަތް ވެސް ކައުންސިލްގެ މުވައްޒަފުންނާއި ފެނަކަ ކޯޕަރޭޝަން މުރައިދޫ ބްރާންޗް އަދި އާރުޑީސީ މުރައިދޫ ސައިޓްގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ކުރިއަށް ގެންގޮސްފައިވެއެވެ. އެ ފަރާތްތަކަށް ވެސް ކައުންސިލުން ޝުކުރު ދަންނަވާފައިވެއެވެ.