އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސްވަނަ ބުރު ނިންމައި، އިތުރު 91 ޒުވާން ޚަޠީބުން ސަނަދު ޙާޞިލުކޮށްފިއެވެ.
މި ދަރިވަރުންނަށް ސަނަދު ދިނުމަށް ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ކޮންމެ ދާއިރާއަކުން ތަޢުލީމު ޙާޞިލުކުރި ނަމަވެސް ޚަޠީބުކަމަކީ އެމީހެއްގެ ޙަޔާތުގެ ފަހު ދުވަހާ ޖެހެންދެންވެސް އެމީހާއާއެކު ދަތުރުކުރާނެ މަތިވެރި މަސްއޫލިއްޔަތެއް ކަމަށެވެ. އަދި ޚުޠުބާ ކިޔުމުގެ ހުނަރު ކުއްޖެއްގެ ކިބައިގައި ހުރުމަކީ އެ ކުއްޖެއްގެ ޝަޚުޞިއްޔަތަށް އިތުރުވެގެންދާ ވަރަށް ރަނގަޅު ސިފައެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، "ޚުޠުބާ ކިޔާ މީހަކީ ލީޑަރެއް. އިސްލާމީ ޝިޢާރު ފާޅުކުރާ އިސްސަފުގައި ފެންނަން ހުރި ހަނދެއްފަދަ ލީޑަރެއް. އޭނާ އަކީ އެހެން މީހުންނަށް ނަމޫނާއަކަށް ވާންވާނެ މީހެއް" ކަމަށެވެ.
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމަކީ ރަށްރަށަށް ދިމާވެފައިވާ ޚަޠީބުން ލިބުމުގެ ދަތިކަމަށް ހައްލެއް ހޯދުމަށާއި، ޒުވާނުންނަށް މި ދާއިރާއިން ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ގްރޭޑް 10، 11 އަދި 12 ގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންނަށާއި، ސްކޫލް ނިމިފައިވާ 18 އަހަރު ނުފުރޭ ކުދިންނަށެވެ.
މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ޖުމްލަ 700 އަށްވުރެ ގިނަ ޒުވާން ޚަޠީބުން ވަނީ ތަމްރީނު ފުރިހަމަކޮށް ސަނަދު ޙާޞިލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!