ށ. ނަރުދޫ ކައުންސިލުން މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް (އެމް ގެޕް) މަޢުލޫމާތު ސެޝަނެއް އެ ރަށުގައި ބާއްވަން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސްއާއި، ނަރުދޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް (އެމް ގެޕް) ސްކީމަށް އެ ރަށުގެ ދަނޑުވެރިން އަހުލުވެރިކުރުމުގެ ގޮތުން ކުރިއަށް ގެންދާ، މަޢުލޫމާތު ސެޝަން 27 އޯގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ނަރުދޫ ސްކޫލްގައި އޮންނާނެކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

Ad
rt

ނަރުދޫގެ ދަނޑުވެރިންނަށާއި، އައި.އެފް.އެފް މެމްބަރުންނަށާއި، ދަނޑުވެރިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށާއި، އެކަމުގެ މަޢުލޫމާތު އޮޅުންފިލުއްވުމަށް ބޭނުންވެލައްވާ އެންމެހައި ފަރާތްތަކަށް، މި ސެޝަންގައި ބައިވެރިވުމަށް ކައުންސިލުންވަނީ ދަޢުވަތު ދީފައެވެ.

މިއީ ނަރުދޫގެ ދަނޑުވެރިންގެ އުފެއްދުންތަކަކީ އެމް.ގެޕް ސެޓްފިކެޓް ލިބިފައިވާ އުފެއްދުންތަކެއްކަމުގައި ހެދުމަށް، އެ ކައުންސިލުން ފަށާފައިވާ މަސައްކަތުގެ ތެރެއިން ބޭއްވޭ، މުޙިއްމު ސެޝަކަނަށް ވާތީ، ވީހާ ވެސް ގިނަ ފަރާތްތަކުން، މި ސެޝަންގައި ބައިވެރިވުމަށް ނަރުދޫ ކައުންސިލުން އިލްތިމާސްކޮއްފައިވެއެވެ.

މި ސެޝަނުގައި އެމް.ގެޕް ސްކީމުގައި ބައިވެރިވާނެ ގޮތާއި، ސެޓްފިކެޓް ހޯދުމުގެ މަރުޙަލާތަކުގެ މަޢުލޫމާތު ދެވިގެންދާނެކަމުގައި ވެސް އެ ކައުންސިލުން ހާމަކޮއްފައިވެއެވެ.