ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) އަކީ، ހަމައެކަނި މޫސުމީ ނާޒުކުކަން ބޮޑު ޤައުމުތަކެއްގެ ގޮތުގައި ދުށުމުގެ ބަދަލުގައި، އެއީ އީޖާދާއި ވިޔަފާރީގެ ވަސީލަތްތަކެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ، މި ހިނގާ އޮގަސްޓު މަހުގެ 23 އިން 25 އަށް ރާއްޖޭގައި ކުރިއަށްގެންދާ ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވަރކް (ޖީ.ބީ.އެން) ފޯރަމްގެ އިފުތިތާޙީ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި، ވެށީގެ ނާޒުކު ކަމަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ވާހަކައިގެ އެންމެ ބާބެއް ކަމަށާއި، އެ ވާހަކައިގެ ބާކީ ބައިގައި އޮންނަނީ އެ ޤައުމުތަކުގައިވާ ހިންމަތްތެރިކަމުގެ ވާހަކަތައް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކަކީ އެ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތައް އުފެއްދުންތެރިކަމަށް ބަދަލުކުރާ، ހުރަސްތައް އީޖާދީ ޚިޔާލުތަކަށް ބަދަލުކުރާ، އަދި ޖަޒީރާތަކުގެ ދެމެދުގައިވާ ދުރުމިން ގާތްކަމަށް ބަދަލުކުރާ ޤައުމުތަކެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

މީގެއިތުރުން، ކުދި ޖަޒީރާ ޤައުމުތަކުގެ ހިންމަތްތެރިކަން އެންމެ ބޮޑަށް ފެންނަނީ ޕްރައިވެޓް ސެކްޓަރުން ކަމަށާއި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް (އެމް.އެސް.އެމް.އީ ތައް) ވެފައިވަނީ ސަރުކާރުތަކަށް ޙައްލު ހޯދަން އުނދަގޫވާ މައްސަލަތަކަށް ޢަމަލީ ޙައްލު ހޯދައިދީ އިޤުތިޞާދުތަކަށް ބާރުދޭ އިންޖީނުތަކަކަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިފަދަ ޤައުމުތަކުގެ ކުޑަކަމުގެ ފައިދާ ނަގައި، އެއީ ފަންނިއްޔާތާއި، ޙައްލުތަކާއި، ޚިޔާލުތަކާއި، އީޖާދުތައް ތަޙުލީލުކުރާ ލެބޯޓަރީތަކަކަށް ހެދިދާނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސުމޭކު ގުޅުންތަކަކީ ވިޔަފާރި އާއި މާލީ ޚިދުމަތްތަކާއި، ފަތުރުވެރިކަމާއި އުފެއްދުންތެރިކަމުގެ ސިނާޢަތަށް ބާރުދޭ އިޤުތިޞާދީ ބިނާރަކަށް ވެފައިވާކަން ފާހަގަކުރައްވަމުން، މޯލްޑިވްސް 2.0 ގެ އެޖެންޑާ މެދުވެރިކޮށް ރާއްޖޭގެ ޖޯގުރަފީ ގޮންޖެހުންތަކުން އަރައިގަތުމަށް ސުމޭކު ފަންނިއްޔާތު ބޭނުންކުރަމުންދާކަން ރައީސް ހާމަކުރެއްވިއެވެ. ހަމައެއާއެކު، ޒުވާން ވިޔަފާރިވެރިންނާއި ސްޓާޓް-އަޕް ތަކަށް، ޚާއްޞަކޮށް އަންހެނުން އިސްވެ ކުރާ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި، ޒަމާނީ ފޮރިން އިންވެސްޓްމަންޓް ޤާނޫނާއި، 2027 ގައި ޤާއިމުކުރާ ޓްރޭޑް އެކްސެލެރޭޝަން ޒޯނާއެކު، ލޮޖިސްޓިކްސް އަދި ފްލޯޓިންގ ސޯލާގެ ދާއިރާއިން ވުނަކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ޖަޒީރާތަކުގެ އުންމީދީ ޚިޔާލުތައް، ވިޔަފާރިތަކާއި، މާލީ އެހީތެރިކަމާއި، ފަންނިއްޔާތާއި، ބައިވެރިންނާއި ބާޒާރުތަކާ ގުޅުވައިދޭ މަރުކަޒީ މަންސައެއްގެ ގޮތުގައި ޖީ.ބީ.އެން ތަރައްޤީކުރުމަށް، ޔޫ.އެން-އޯ.އެޗް.އާރް.އެލް.އެލް.އެސް އަށް ވަނީ ގޮވައިލައްވާފައެވެ.