ފަލާޙު ޕްރީސްކޫލަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަންޔޫބީލް ރަސްމިއްޔާތު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝަރަފްވެރިކޮށްދެއްވައިފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އިދާރީ މަރުކަޒުގެ އޮޑިޓޯރިއަމްގައި މިއަދު ހަވީރު ބޭއްވި މި ޚާއްޞަ ޖަލްސާގައި، އެ ސްކޫލުގެ އައު ވެބްސައިޓް ރައީސް ވަނީ އިފްތިތާޙުކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތުގެ ތެރެއިން ރައީސް ވަނީ ފަލާޙު ޕްރީސްކޫލަށް 10 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ފަރާތްތަކަށް އެ ސްކޫލުގެ ފަރާތުންދޭ ހަނދާނީ ފިލާ ޙަވާލުކޮށްދެއްވާފައެވެ. މީގެ އިތުރުން، އެ ސްކޫލުގެ ރަންޔޫބީލް ލޯގޯ ފަރުމާކޮށްދިން ފަރާތަށް ދޭ ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީވެސް ރައީސްއެވެ.
މި ޖަލްސާގައި ފަލާޙު ޕްރީސްކޫލުގެ ފަރާތުން ރައީސްއަށް ވަނީ ރަންޔޫބީލް ފާހަގަކުރުމުގެ ޚާއްޞަ ހަނދާނީ ފިލައެއް އަރުވާފައެވެ. ރައީސްއަށް މި ހަނދާނީ ފިލާ އެރުއްވީ ފަލާޙު ޕްރީސްކޫލުގެ ޗީފް އެގްޒެކެޓިވް އަލްޤާރީ އަލްހާފިޡް ޢަބްދުއްސައްތާރު އަބޫބަކުރެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަލާޙު ޕްރީސްކޫލުގެ ޗީފް އެގްޒެކެޓިވް އަލްޤާރީ އަލްހާފިޡް ޢަބްދުއްސައްތާރު އަބޫބަކުރު ވަނީ، އެ ސްކޫލް މިހާ ހިސާބަށް ގެނައުމަށްޓަކައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކެއްގެ ޚިދުމަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.
މި ޖަލްސާގައި ރައީސްގެ އަރިހުގައި ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އަދި ފަލާޙު ޕްރީސްކޫލުގައި ކުރިންނާއި މިހާރު މަސައްކަތްކުރާ މުވައްޒަފުންނާއި، ދަރިވަރުންގެ އިތުރުން ތަޢުލީމީ ދާއިރާގެ ގިނަ ޚިދުމަތްތެރިންތަކެއްވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.
މަދު އަދަދެއްގެ ދަރިވަރުންނާއެކު ފެށި ފަލާޙު ޕްރީސްކޫލުގައި މިހާރު ދަނީ ނާސަރީ އަދި ބޭބީ ނާސަރީގެ ކްލާސްތައް ހިންގަމުންނެވެ. މިވަގުތު ދެ ދަންފަޅިއަށް ކިޔަވައިދެމުންދާ މި ސްކޫލަކީ އެންމެ ފަހުގެ ވަސީލަތްތަކާއެކު، ޒަމާނަށް އަންނަ ބަދަލުތަކަށް މުދައްރިސުން ތަމްރީނުކޮށްގެން ކިޔަވައިދެމުންދާ ތަނެކެވެ. އެގޮތުން 2015 އިން ފެށިގެން މި ސްކޫލުގައި ކިޔަވައިދެމުން ދަނީ ޤައުމީ މަންހަޖާ އެއްގޮތަށެވެ.
ފަލާޙު ޕްރީސްކޫލަކީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔަތުލް ފަލާޙުގެ ދަށުން ހިންގަމުން އަންނަ ސްކޫލެކެވެ. ޖަމިއްޔަތުލް ފަލާޙަކީ 1961 ވަނަ އަހަރު ސަރުކާރުގައި ރަސްމީކޮށް ރަޖިސްޓްރީ ކޮށްގެން ހިންގަން ފެށި ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ ބާނީއަކީ މަރުޙޫމް އަބޫބަކުރު އިބްރާހީމެވެ.
ދިވެހިންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އެ ޖަމިއްޔާއިން ހިންގި ހަރަކާތްތައް ފުޅާވެ، "މަދަރުސަތުލް ފަލާޙު" ގެ ނަމުގައި ފުރަތަމަ ސްކޫލެއް އުފެއްދީ 20 ޖަނަވަރީ 1976 ގައެވެ. އޭގެ ފަހުން ތުއްތު ކުދިންނަށް ޚާއްޞަކޮށް ޕްރީސްކޫލް ތަޢުލީމުގެ ޚިދުމަތް ދޭން ފަށައި، ސްކޫލުގެ ނަން "ފަލާޙު ޕްރީސްކޫލް" ގެ ނަމަށް ބަދަލުކުރީ 23 ޑިސެމްބަރު 2001 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!