މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ގެ މަގާމަށް ޔަޒްމީދު މުހައްމަދު އައްޔަންކޮށްފިއެވެ.

ޕެންޝަން އޮފީހުން ބުނި ގޮތުގައި، އޭނާ މި މަގާމަށް އައްޔަންކުރީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ.

Ad
rt

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޕެންޝަން އޮފީހުގެ ބޯޑުން ޔަޒްމީދު މި މަގާމަށް އައްޔަންކޮށްފައި ވަނީ ކުރިއަށް އޮތް އާދިއްތަ ދުވަހުން ފެށިގެންނެވެ. މި މަގާމުގައި ކުރިން ހުންނެވި ސުޖާތާ ހިލްމީ ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް އަލަށް އައްޔަންކުރެވުނު ޔަޒްމީދަކީ ދައުލަތުގެ އެކިއެކި އިދާރާތަކާއި ޕްރައިވެޓް ސެކްޓާގެ އިސް މަގާމުތަކުގައި 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ ގަވަނަންސް، އޮޑިޓިން، އެންޓި-ކޮރަޕްޝަން، އެކައުންޓިން، ފައިނޭންސް އަދި ހިންގުމުގެ ދާއިރާއިން ގިނަގުނަ ތަޖުރިބާތަކެއް ހޯއްދަވާފައެވެ.

ޔަޒްމީދު އެންމެ ފަހުން އަދާކުރައްވާފައި ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސް އަދި ކޮމިޝަނަރުގެ މަގާމެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލާ ކޮމިޓީގެ މުގައްރިރުކަމާއި، ޖުޑީޝަލް އެކަޑަމީގެ އެޑްވައިޒަރީ ބޯޑުގެ މެންބަރުކަމުގެ އިތުރުން ފަނޑިޔާރުންގެ މަސައްކަތް އިވެލުއޭޓްކުރާ ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވާފައެވެ.

މީގެ އިތުރުން، 2014 އިން 2019 އަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކޮމިޝަނަރުގެ ހައިސިއްޔަތުން ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމާއި، މުއައްސަސާތަކުގެ ގަވަރނަންސް ރިވިއުކުރުމުގެ އިތުރުން ކޮރަޕްޝަނާ ދެކޮޅަށް ހިންގުނު މުހިންމު ހަރަކާތްތައް ޔަޒްމީދު ވަނީ ލީޑުކުރައްވާފައެވެ. އޭނާ އެންމެ ފުރަތަމަ މަސައްކަތް ފެއްޓެވީ އޮޑިޓަރ ޖެނެރަލްގެ އޮފީހުންނެވެ. އެ އޮފީހުގައި އޭނާ 10 އަހަރު ދުވަހު ހިދުމަތް ކުރެއްވިއެވެ.

ތައުލީމީ ދާއިރާއަށް ބަލާއިރު، ޔަޒްމީދަކީ އެސޯސިއޭޝަން އޮފް ޗާޓަރޑް ސެޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ) ގެ މެންބަރެކެވެ. އޭނާ ވަނީ އޯޕަން ޔުނިވަރސިޓީ މެލޭޝިއާއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވާފައެވެ. އަދި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރޫކްސް ޔުނިވަރސިޓީން އެޕްލައިޑް އެކައުންޓިންގް ދާއިރާއިން ފަސްޓް ކްލާސް އޮނަރސްއާއެކު ބެޗްލަރ އޮފް ސައިންސް ހާސިލުކުރައްވާފައިވެއެވެ. މީގެ އިތުރުން އޭނާއަކީ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) ގެ ވެސް މެންބަރެކެވެ.

ޕެންޝަން އޮފީހަކީ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) އާއި ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ހިންގާ ބެލެހެއްޓުމަށް އުފައްދާފައިވާ އިދާރާއެކެވެ. އެ އޮފީސް ވުޖޫދުވީއްސުރެ ދެމިއޮތީ ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއް އިންސްޓިޓިއުޝަނަލް އިންވެސްޓަރުގެ މަގާމުގައެވެ.

މިހާރު އެ އޮފީހުން މެނޭޖްކުރަމުންދާ ފަންޑުގެ ސާފު އަގު (ނެޓް އެސެޓް ވެލިއު) 27.94 ބިލިޔަން ދިވެހި ރުފިޔާއަށް އަރައެވެ. ޕެންޝަން އޮފީހުން 107,000 އަށްވުރެ ގިނަ މެންބަރުންގެ ޕެންޝަން ފަންޑު ބަލަހައްޓަމުންދާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ 25,000 އަށްވުރެ ގިނަ ދޮށީ އުމުރުގެ ރައްޔިތުންނަށް އަސާސީ ޕެންޝަން ދަނީ ފޯރުކޮށްދެމުންނެވެ.