ޖަލުތަކަށް ވައްދާ ފޯނުތަކުގައި ބޭނުންކުރާ ސިމްކާޑުތަކުގެ ވެރިފަރާތްތަކަށް ގާނޫނީ އަދި އިދާރީ ފިޔަވަޅު އެޅުމަށާއި، ރާއްޖޭގައި މޯބައިލް ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރުމުގެ ގޮތުން، އަންސްކިލްޑް ކޮންމެ ބިދޭސީއަކަށް އެއް ސިމްކާޑަށް ވުރެ އިތުރަށް ދޫނުކުރެވޭ ގޮތަށް ހެދުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
މިދިޔަ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމެވި ނިންމެވުންތަކުގެ ތަފުސީލު ރައީސް އޮފީހުން ރޭ ހާމަކޮށްފައިވާއިރު، ޖަލުތަކަށް ވައްދާ މޯބައިލް ސިމްކާޑުތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ޤާނޫނީ އަދި އިދާރީ ގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅޭކަން ކަށަވަރުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.
މީގެއިތުރުން، ރާއްޖޭގައި ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރުމަށްޓަކައި، އަންސްކިލްޑް ބިދޭސީންގެ ތެރެއިން ކޮންމެ މީހަކަށް 1 ސިމްކާޑަށްވުރެ އިތުރަށް ދޫނުކުރާ ގޮތަށް ހަމަޖެއްސެވުމަށްވެސް ވަނީ ނިންމަވާފައެވެ. އަދި އެފަދަ ފަރާތެއްގެ ސިމްކާޑު ހަލާކުވެ ނުވަތަ ގެއްލިއްޖެ ހާލަތެއްގައިވެސް، ފުލުހުންނަށް މައްސަލަ ހުށަހަޅައިގެން ކަނޑައެޅޭ ވަކި ޕްރޮސެސްއެއްގެ ތެރެއިން މެނުވީ އިތުރު ނަންބަރެއް ދޫނުކުރެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ކަނޑައަޅުއްވާފައެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އެންމެފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި ދިރިއުޅޭ ޖުމްލަ އާބާދީ 590,079 އަށް އަރާއިރު، މީގެ ތެރޭގައި 196,024 ބިދޭސީން ހިމެނެއެވެ.
ހަމައެހެންމެ، ކުށްކުރުމުގައި ބިދޭސީން ނަމުގައި ނަގާފައި ހުންނަ ސިމްގެ ނަންބަރުތައް ބޭނުންކުރަމުން އަންނަ މައްސަލައަކީ ބޮޑު މައްސަލައެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!