ށ. ޅައިމަގުގައި ކުރިއަށް ގެންދިޔަ ހޯމްގަރޑެނިން ޕްރޮގްރާމް ވަރަށް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ޑަބްލިޔުޑީސީގެ ރައީސާ ރުޤިއްޔާ ޝާނާ ''ތިލަދުން'' އަށް ވިދާޅުވީ، މި ޕްރޮގްރާމް މި ދިޔަ ޖޫން 24 ގައި ފަށައި ނިންމާލުމާއި ހަމައަށް ރަށުގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިގެންދިޔަކަމަށެވެ. އަދި މިއީ ވަރަށް ކާމިޔާބު ރަނގަޅު ނަތީޖާ ފެނިގެންދިޔަ ޕްރޮގްރާމެއްގެގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މި ޕްރޮގްރާމް ހިންގުމަށް ކައުންސިލުން ބިމެއް ހަމަޖައްސައިދީފައިވާއިރު، މި ޕްރޮގްރާމްގެ ދަށުން އެ ބިމުގައި ގަސް އިންދުމަށްފަހު، ގަސްތަކަށް ފެންދިނުމާއި، ބޭސް ޖެހުމުގެ އިތުރުން އެ ތަން ސާފު ކުރުމުގެ މަސައްކަތްކޮށްފައި ވަނީ ގުރޫޕްތަކަށް ބަހާލައިގެންކަން ވެސް ޝާނާ ފާހަގަކުރެއްވިއެވެ.
ޅައިމަގު ޑަބްލިޔުޑީސީން އެރަށުގައި ކުރިއަށް ގެންދިޔަ ހޯމްގަރޑެނިން ޕްރޮގްރާމްގެ ތެރެއިން، ފޮޓޯ: ޅައިމަގު ޑަބްލިޔުޑީސީ
މި ޕްރޮގްރާމްގައި ތަފާތު ވައްތަރުތަކުގެ ކާނާ ލިބޭ ގަސްތައް އިންދައި، ހައްދާފައިވާކަމަށް ޝާނާ ވިދާޅުވިއެވެ. ޒުކިނީ އާއި ރެޑިޝް ފަދަ ކާނާއަކީ އާއްމުކޮށް ރާއްޖޭގެ ގޭގޭގައި ހައްދައި ނޫޅޭ ބާވަތްތަކަށް ވާއިރު، މިހާރު ޅައިމަގުގެ ގޭގޭގައި ގިނަ ބާވަތްތަކުގެ ކާނާ، ލިބޭ ގަސްތައް ހައްދަމުން ދާކަމަށް ވެސް ރައީސާ މަޢުލޫމާތު ދެއްވިއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ޅައިމަގު ޑަބްލިޔުޑީސީ، ޅައިމަގު ކައުންސިލް އަދި މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ގުޅިގެންނެވެ.
ޅައިމަގު ޑަބްލިޔުޑީސީން މިހާރު ވަނީ އެރަށު އަންހެންބޭފުޅުންނަށް ހާއްސަކޮށްގެން "ޖެންޑާ އެކްޝަން ލާނިން ސިސްޓަމް ޓްރެއިނިން ޕްރޮގްރާމް" އެއް ވެސް ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!