ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް، "އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026"ގެ ހދ.އަތޮޅުގެ މެޗުތައް މާދަމާ ފަށާނެއެވެ.
މި މުބާރާތުގެ ހދ. އަތޮޅުގެ މެޗުތައް ހޯސްޓްކުރާ ރަށަކީ ނޮޅިވަރަންފަރެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭ ހދ. އަތޮޅުގެ ބުރުގައި ގްރޫޕް އޭގައި ހިމެނެނީ ހޯސްޓްކުރާ ރަށް ނޮޅިވަރަންފަރު، ހަނިމާދޫ އަދި ކުމުންދޫއެވެ. ގްރޫޕް ބީގައި ހިމެނެނީ ރާއްޖޭގެ މިވަގުތު ފުޓްސަލް ރަސްގެފާނު ނައިވާދޫ އާއި ނޭކުރެންދޫ އަދި ކުރިނބީއެވެ.
ހދ. އަތޮޅު ބުރުގެ ފުރަތަމަ މެޗުގައި ކުޅޭނީ ނޮޅިވަރަންފަރާއި ހަނިމާދޫއެވެ. މި މެޗު ކުޅޭނީ މާދަމާ ހަވީރު 16:45ގައެވެ. މާދަމާ ދެވަނަ މެޗެއް ވެސް ކުޅޭނެއެވެ. ރޭގަނޑު 20:30 ގައި ކުޅޭ މި މެޗުގައި ކުޅޭނީ ނައިވާދޫ އާއި ނޭކުރެންދޫއެވެ.
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026"ގެ ހދ.އަތޮޅުގެ މެޗުތައް
- ނޮޅިވަރަންފަރު - ހަނިމާދޫ، 13 އޯގަސްޓް
- ނައިވާދޫ - ނޭކުރެންދޫ، 13 އޯގަސްޓް
- ނޮޅިވަރަންފަރު - ކުމުންދޫ، 15 އޯގަސްޓް
- ނޭކުރެންދޫ - ކުރިނބީ، 15 އޯގަސްޓް
- ހަނިމާދޫ - ކުމުންދޫ، 17 އޯގަސްޓް
- ނައިވާދޫ - ކުރިނބި، 17 އޯގަސްޓް
- ސެމީ ފައިނަލް މެޗުތައް، 20 އޯގަސްޓް
- ފައިނަލް މެޗު، 23 އޯގަސްޓް
''އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026"ގެ ހއ.އަތޮޅުގެ ބުރު މިހާރު ވަނީ ނިމިފައެވެ. އެއަތޮޅުން ބައިވެރިވީ ދެ ޓީމުކަމުން އެ އަތޮޅު ބުރުގައި ކުޅުނީ އެންމެ މެޗެކެވެ. އިހަވަންދޫ އާއި ފިއްލަދޫގެ މިމެޗު 5-0 އިން ކާމިޔާބުކޮށް ހއ. އަތޮޅުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ އިހަވަންދޫއެވެ. ދެން މިދެޓީމަށް އޮންނާނީ ޒޯން ބުރެވެ.
ރާއްޖޭގެ ފުޓްބޯޅަ އޮނިގަނޑު މިހާރު ތަރުތީބުކުރެވިފައިވާ އުސޫލުން، ހަތަރު ރީޖަނަކަށް ބަހާލައިގެން އެފްއޭއެމް އިން ބާއްވާ މި މުބާރާތް ވެސް ވަނީ ހަތަރު ރީޖަނަންއަކަށް ބަހާލާފައެވެ. އެއީ އެޓޯލް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ވެސް ކުރިއަށް ގެންދިޔަ ގޮތަށެވެ. އެ ރީޖަންތަކަކީ:
- ނޯތު ރީޖަން: ހއ، ހދ، ށ، ނ، ރ، ބ، ޅ އަދި ކުޅުދުއްފުށި ސިޓީ.
- ސެންޓްރަލް ރީޖަން: ކ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅު.
- ސައުތު ރީޖަން: ތ، ލ، ގއ، ގދ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ.
- މާލެ ރީޖަން: މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ކްލަބްތައް (ފުރަތަމަ، ދެވަނަ އަދި ތިންވަނަ ޑިވިޝަން).
ކޮންމެ ރީޖަނެއްގެ ޗެމްޕިއަން ޓީމު އެފްއޭއެމްގެ ފުޓްސަލް ނެޝަނަލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެ އެވެ. އަދި، ކޮންމެ ރީޖަނެއްގެ ޗެމްޕިއަަންގެ މެދުގައި މުބާރާތެއް ކުޅުމަށް ފަހު ރާއްޖޭގެ ޗެމްޕިއަން ޓީމު ކަނޑައެޅޭނެ އެވެ. އަދި، ނެޝަނަލް ޗެމްޕިއަންޝިޕަށް ކޮލިފައިވާ ހަތަރު ޓީމު، 2027 ވަނަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި ކުޅޭނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!