ހދ. ހަނިމާދޫގައި އަލަށް ބިނާކުރާ 30 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް ނިންމައި، ޚިދުމަތް ދޭން ފެށުމަށް އަމާޒުކޮށްފައި ވަނީ 30 އެޕްރީލް 2028 އަށް ކަމަށް ސިއްހަތާ ބެހޭ ވަޒީރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ހަނިމާދޫގައި ލެވެލް އެކެއްގެ ހޮސްޕިޓަލެއް ބިނާކުރުމަށްޓަކައި އާރް.ޑީ.ސީއާ ހަވާލުކޮށްގެން މަސައްކަތް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން މިހާރު މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އިމާރާތުގެ ފައުންޑޭޝަންގެ މަސައްކަތްތައް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވާހަކާގައި އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ހަމައެކަނި އިމާރާތެއް ބިނާކުރުން ނޫން ކަމަށާއި، އެ އިމާރާތާއެކު ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ވެސް އިމާރާތްތައް އެކަނި އެޅުމެއް ނޫން. އަޅުގަނޑުމެންގެ އަމާޒަކީ އެ އިމާރާތްތަކާ އެކު އިމާރާތްތަކުގައި ޚިދުމަތްތަކެއް ފޯރުކޮށްދިނުން،" ވަޒީރު ވިދާޅުވިއެވެ.
ހަނިމާދޫގައި މިހާރު ހުރި ސިއްހީ މަރުކަޒުން ވެސް އާންމު ބަލިތަކަށް ފަރުވާދިނުމާއި ލެބޯޓަރީގެ ޚިދުމަތް ލިބެމުންދާކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ މި ސަރުކާރުން މިހާރު ވެސް އެ ރަށަށް އަންހެނުންގެ ބަލިތަކަށް ޚާއްސަ ފަރުވާއާއި، ސްކޭންގެ ޚިދުމަތާއި، ކުޑަކުދިންގެ ބަލިތަކާއި އެތެރެހަށީގެ ބަލިތަކަށް ޚާއްސަ ފަރުވާ ތައާރަފްކޮށްފައިވާ ކަމަށެވެ.
އަލަށް ބިނާކުރާ ހޮސްޕިޓަލްގެ މަސައްކަތް ނިމުމުން، އޮޕަރޭޝަން ތިއޭޓަރާއި، ހޭނައްތާ ބަލީގެ ޚިދުމަތާއި، އެކްސްރޭ އަދި ސްކޭންގެ ޚިދުމަތްތައް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި އެ ރަށުން ލިބިގެންދާނެ ކަމަށް ސިއްހަތާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!