ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ ''ޑަބްލިޔު.ޑީ.ސީ ނެޓްބޯލް ޗެލެންޖް 2026" ރާވާ ހިންގަން ޓީމް ބިއާރޑް އާއި ހަވާލުކޮށްފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި މުބާރާތް ހިންގުމުގެ އެއްބަސްވުމުގައި ޑަބްލިޔުޑީސީގެ ފަރާތުން ސޮއިކުރެއްވީ ރައީސާ އައިމިނަތު އިބްރާހީމެވެ. ޓީމް ބިއާރޑްގެ ފަރާތުން ސޮައިކުރެއްވީ އަހްމަދު އާސިފެވެ.
25 ދުވަހަށް ވެވުނު މި އެއްބަސްވުމުގެ އަގަކީ 143,640.00 ރުފިޔާއެވެ.
މި މުބާރާތުގައި ހޮވާ ވަނަތަކުގެ ތެރޭގައި ކޮންމެ މެޗެއްގެ އެންމެ މޮޅު ކުޅުންތެރިޔާއާއި، އެންމެ މޮޅު ހަތް ކުޅުންތެރިންނާއި، އެންމެ މޮޅު ކުޅުންތެރިޔާ އަދި ޕްރޮމިސިންގ ޕްލޭޔަރ ހިމެނެއެވެ. އަދި މުބާރާތުގެ ފެއަރޕްލޭ ޓީމް ވެސް ހޮވާނެއެވެ.
ކުޅުދުއްފުށީ ޑަބްލިޔުޑީސީގެ ނެޓްބޯލް ޗެލެންޖުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ އަދި ރަނަރަޕް ޓީމަށް 10،000 ރުފިޔާ އާއި ޓްރޮފީ އަދި މެޑެލް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގެ މަގްސަދަކީ ކުޅުދުއްފުށީ ސިޓީގައި ނެޓްބޯޅަ ކުރިއަރުވައި، ކުޅުންތެރިންނަށް އެ ކުޅިވަރު ކުޅުމުގެ ފުރުސަތު ހޯދައިދީ، ކުޅިވަރުގެ ރޫހާއެއްގޮތަށް ނެޓްބޯޅަ ކުރިއަށް ގެންދިޔުމާއި، ކުޅުންތެރިންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން އާލާކޮށް ކުޅުދުއްފުށީ ސިޓީގެ ޒުވާނުންނަކީ ދުޅަހެޔޮ ބަޔަކަށް ހެދުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!