ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގެ ސީއީއޯ ނާޒިމާ އަލީ އާއި އެ ހޮސްޕިޓަލުގެ ސީނިއާ މެނޭޖްމަންޓް ޓީމު (އެސްއެމްޓީ) އިން، ހދ.އަތޮޅުގެ ސިއްހީ މަރުކަޒުތަކުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ސިވިލް ހެޑުންނާ ބައްދަލުކުރައްވައިފިއެވެ.
ކޭއާރުއެޗުން ބުނިގޮތުގައި މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ސަރަހައްދީ ސިއްހީ ހިދުމަތްތައް ގުޅިގެން ކުރިއަށް ގެންދިއުމާއި، ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމެވެ.
މީގެ އިތުރުން ސަރަހައްދީ ފެންވަރުގައި ސިއްހީ ހިދުމަތްތައް ވިލަރެސްކުރުން ހަރުދަނާކުރުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނުކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
މި ބައްދަލުވުމުގައި މުހިންމު ކަމެއްގެ ގޮތުން މަޝްވަރާކުރެވުނީ "ރީޖަނަލް ރިފަރަލް އެކްޝަން ޕްލޭން" އާ ގުޅޭގޮތުންނެވެ. މި ޕްލޭންގެ ދަށުން ބަލިމީހުން އެއް ތަނުން އަނެއް ތަނަށް ބަދަލުކުރުމުގައި (އިވެކުއޭޝަން) އަމަލުކުރާނެ ގޮތްތަކާއި، ބަލިމީހުންގެ ހާލަތަށް ބަލައި ކެޓަގަރީތައް ކަނޑައެޅުމާ ގޮތުން މަޝްވަރާކުރެވުކަމަށް ވެސް ކޭއާރުއެޗުން ވަނީ ބުނެފައެވެ.
މިފަދަ ނިޒާމެއް ގާއިމުކުރުމުގެ ބޭނުމަކީ ބަލިމީހުން އެއް ތަނުން އަނެއް ތަނަށް ބަދަލުކުރަންޖެހޭ ހާލަތްތަކުގައި، ލަސްނުވެ އަވަސް އަދި ފައިދާހުރި ގޮތެއްގައި އެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމެވެ. މީގެ ސަބަބުން ސަރަހައްދުގެ ރައްޔިތުންނަށް ފޯރުކޮށްދޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ބައްދަލުވުމުގެ ބައިވެރިން ވަނީ ފާހަގަކޮށްފައެވެ.
މި ބައްދަލުވުމަކީ މުހިންމު މަޝްވަރާތަކެއް ކުރެވި، ސިއްހީ މަރުކަޒުތަކަށް ބޭނުންވެފައިވާކަންކަން ހިއްސާކޮށް ހައްލު ހޯދުމަށް ލިބުނު ރަނގަޅު ފުރުސަތެއްކަން ފާހަގަކޮށް ބައެއް ސިއްހީ މަރުކަޒުތަކުގެ ސިޔާސީ ވެރިންވަނީ ސީއީއޯ ނާޒިމާ އަށް ޝުކުރުއަދާކޮށް މީސްމީޑިއާގައި ޝުޢޫރުފާޅުކޮށްފައިކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!