ރައްޔިތުން ދައުލަތުގެ މާލިއްޔަތަށް ދޫކޮށްލާ ކޮންމެ ޑޮލަރަކީވެސް އަދި ތަރައްޤީގެ ބައިވެރިން ދޭ ކޮންމެ ޑޮލަރަކީވެސް ކަނޑައެޅިފައިވާ މަގުސަދުގައި ހޭދަކުރެވޭ ފައިސާއަށް ވާންޖެހޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް (ސިޑްސް-އެސް.އޭ.އައި) ސިމްޕޯޒިއަމް ނިންމުމާއި، އިންޓޮސާއީ ޑިވެލޮޕްމެންޓް އިނީޝިއޭޓިވް (އައި.ޑީ.އޭ) ގްލޯބަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި، ޙަޤީޤީ ވިލުންތެރިކަމުގެ ބިންގަލަކީ ހަރުދަނާ މުއައްސަސާތައް ކަމަށާއި، ވިލުންތެރިކަން އިތުރުކޮށްދެނީ ޒިންމާދާރުކަމާއެކު މާލީ ކަންކަން ބެލެހެއްޓުމުންނާއި ދެފުށްފެންނަ އުސޫލުތަކުންކަން ފާހަގަކުރެއްވިއެވެ. އަދި ވިލުންތެރިކަން ދެމެހެއްޓެނީ ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރުންކަމުގައި ވިދާޅުވެ، ދައުލަތްތަކުގެ އުއްތަމަ އޮޑިޓް މުއައްސަސާތަކުގެ ދައުރު މި ދަނޑިވަޅުގައި އިންތިހާއަށް މުހިންމުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޖަވާބުދާރީވުމަކީ ހަމައެކަނި ހިންގުމުގެ މަސްއޫލިއްޔަތެއް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، "އެއީ ޤައުމީ އިސްތިރާޖީ މުދަލެއްކަމަށާއި އަދި އެއީ ކުރިއެރުމުގެ އިންޖީނު" ކަމަށެވެ. މީގެ އިތުރުން، ބައިނަލްއަޤުވާމީ ނުތަނަވަސްކަމާއި ބޭރުގެ ފިއްތުންތަކާ އެކުގައިވެސް، ރާއްޖެއިން އަދާކުރަންޖެހޭ މާލީ އިލްތިޒާމުތައް ފުރިހަމައަށް އަދާކުރަމުންދާކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ކުދި ޖަޒީރާ ޤައުމުތަކަށް ނުވަތަ ސިޑްސްގެ ޤައުމުތަކަށް ކުރިމަތިވާ ލާސާނީ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މި ޤައުމުތަކަކީ ދަރަނި މެނޭޖުކުރަމުން މުސްތަގުބަލަށް އިންވެސްޓްކުރާ ޤައުމުތަކެއް ކަމަށެވެ. އަދި އިގުތިސާދީ ކުރިއެރުން ދަމަހައްޓަމުން ނާޒުކު މުޖުތަމަޢުތައް ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހިންގުމުގެ ނިޒާމުގެ މުސްތަގުބަލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޖޯގުރަފީ ގޮތުންނާއި ޤާބިލުކަން ނެތުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކަށް ޑިޖިޓަލް ޓްރާންސްފޯމޭޝަނުން ޙައްލު ލިބިދާނެ ކަމަށެވެ. އެގޮތުން "މޯލްޑިވްސް 2.0" މެދުވެރިކޮށް ޒަމާނީ، ރައްޔިތުންނަށް ލުއިފަސޭހަ ޑިޖިޓަލް ދައުލަތެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ފަންނިއްޔާތަކީ ހަމައެކަނި އީޖާދީ އެޖެންޑާއެއް ނޫންކަމަށާއި، އެއީ ހިންގުން، ތަރައްޤީ އަދި ވިލުންތެރިކަމަށް ކުދި ޖަޒީރާތަކަށް ބޭނުންކުރެވިދާނޭ ވަސީލަތެއްކަން ވަނީ ހަނދާންކޮށްދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!