ސަރުކާރުގެ އެންމެ ބޮޑު އެއް ޢަޒުމަކީ ޤައުމުދެކެ ލޯބިވާ، ޤައުމަށް ވަފާތެރި، ދީންދެކެ ލޯބިވާ އަދި އަޚްލާޤު ރަނގަޅު ޞިއްޙަތު ހެޔޮ ކުދިންތަކެއް ބިނާކުރުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ފަށާފައިވާ ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމާއި ގުޅޭގޮތުން ޕަބްލިކް ސަރވިސް މީޑިއާގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ފައްޓަވާފައިވާ ދިވެހި ވަތަނީ ޚިދުމަތުގެ މަޤްޞަދަކީ މަސައްކަތްކުރާހިތްވާ، ޤައުމަށް ޚިދުމަތްކުރާހިތްވާ ހަށިހެޔޮ ޖީލެއް ބިނާކުރުން ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ތަމްރީނުވާ ކުދިންނަށް ހަމައެކަނި ތަމްރީނު ދިނުމަށްފަހު ދޫކޮށްނުލާނެ ކަމަށާއި، އެ ކުދިން އިޚްތިޔާރުކުރާ ދާއިރާތަކުން ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ad
rt

''އަޅުގަނޑުމެންގެ ޢަޒުމަކީ، އަޅުގަނޑުމެންގެ ނިޔަތަކީ ޤައުމުދެކެ ލޯބިވާ، ޤައުމަށް ވަފާތެރި، ދީންދެކެ ލޯބިވާ، އަޚްލާޤު ރަނގަޅު، ޞިއްޙަތު ރަނގަޅު، ހަށިހެޔޮ، މަސައްކަތްކުރާހިތްވާ، ޤައުމަށް ޚިދުމަތްކުރާހިތްވާ ކުދިންތަކެއް ބިނާކުރުން. އެކަން އިރާދަކުރެއްވިއްޔާ މިއިން އެބަ ހާސިލުވޭ.'' ރައީސް ވިދާޅުވިއެވެ.

މިހާރުވެސް މި ޕްރޮގްރާމްގެ ތެރެއިން ގިނަ ކުދިންތަކަކަށް އެމް.އެން.ޑީ.އެފް އާއި ފުލުހުންގެ ޚިދުމަތުގެ އިތުރުން ޕްރައިވެޓް ސެކްޓަރއިން ވަޒީފާގެ ފުރުޞަތު ހޯދައިދެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، މި ޕްރޮގްރާމްގެ ތެރެއިން އެކި ކަހަލަ ހުނަރު ތަރައްޤީކުރުމުގެ ކޯސްތައް ކުރިއަށް ގެންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މީގެ ސަބަބުން ކުދިންނަށް އަމިއްލަ މަސައްކަތްތައް ފެށުމުގެ ފުރުޞަތުވެސް ލިބިގެންދާނެ ކަމަށެވެ. މިއީ ޤައުމުގެ މުސްތަޤްބަލަށާއި، އެ ކުދިންގެ އަމިއްލަ ދިރިއުޅުމަށާއި ޢާއިލާތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

މި ޕްރޮގްރާމް ފުޅާކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު އަހަރަކު 1,000 ކުދިން ތަމްރީނު ކުރުމުގެ ކެޕޭސިޓީ ހުރި ނަމަވެސް، ކުރިއަށް އޮތް ތަނުގައި އެ ޢަދަދު 2,000 އަށް އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މިކަމަށްޓަކައި ގިރިފުށީގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގައި ތަމްރީނު މަރުކަޒުތައް ބިނާކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރާ ހަމައަށް ކޮންމެ އަހަރަކުވެސް މަދުވެގެން 1,000 ކުދިން މި ޕްރޮގްރާމްގެ ދަށުން ތަމްރީނުކޮށް، ޤައުމީ ޚިދުމަތަށް ނެރުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ނިންމަވާލައްވަމުން ވިދާޅުވިއެވެ.