ސަރުކާރުން ފަށާފައިވާ "މޯލްޑިވްސް 2.0" މަޝްރޫޢަކީ މުޅި މުޖުތަމަޢުން ކޮރަޕްޝަންގެ ވަބާ ނައްތައިލުމަށާއި، ހަރުދަނާ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް އެފިޝަންޓް ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ފަށާފައިވާ މުހިންމު މަސައްކަތެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕަބްލިކް ސަރވިސް މީޑިއާގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ޑިޖިޓަލައިޒް ކުރެވިގެންދާނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫޢަކީ ދައުލަތުގެ ހުރިހާ މުއައްސަސާތަކަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ބޭންކުތަކުން ވެސް ބައިވެރިވާންޖެހޭ، އެއްވެސް ފަރާތަކަށް އިސްތިސްނާ ނުވެވޭނެ މަސައްކަތެކެވެ. މިކަމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވައިލުމަށްޓަކައި މިހާރު ވާނީ ރައްޔިތުންގެ މަޖިލީހަށް ބިލްތައް ފޮނުވާފައެވެ. މި މަޝްރޫޢުގެ ސަބަބުން ޚިދުމަތް ދޭ މުވައްޒަފުންނަށް މަސައްކަތުގެ މާޙައުލު ފަސޭހަވެ، ރައްޔިތުންނަށް ދޭ ޚިދުމަތްތައް އަވަސްވެގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޑިޖިޓަލް ހެލްތާއި ސްމާޓް އައިޑީ ކާޑު
މޯލްޑިވްސް 2.0 ގެ ދަށުން އަންނާނެ އެންމެ ބޮޑު އެއް ބަދަލަކީ ސިއްޙީ ދާއިރާ ޑިޖިޓަލައިޒްވުމެވެ. ރައީސް ވިދާޅުވީ ޑިޖިޓަލް ހެލްތު ސަރވިސްގެ ތަފްޞީލުތައް ކުރިއަށް އޮތް ތަނުގައި ކަމާބެހޭ މިނިސްޓްރީތަކުން ހާމަކުރާނެ ކަމަށެވެ. މީގެ އިތުރުން، މިހާރު ބޭނުންކުރާ ފިޒިކަލް އައިޑީ ކާޑުގެ ބަދަލުގައި ފިންގަރ ޕްރިންޓާއި ޗިޕް ހިމެނޭ "ޑިޖިޓަލައިޒްޑް ސްމާޓް އައިޑީ ކާޑު" ތަޢާރަފްކުރެވޭނެއެވެ. މި ކާޑު މެދުވެރިކޮށް ފައިސާގެ މުޢާމަލާތްތަކާއި އަމިއްލަ ރެކޯޑްތައް ބެލެހެއްޓުން ފަދަ ގިނަ ޚިދުމަތްތަކެއް ލިބޭނެއެވެ.
އިދާރީ މަސައްކަތްތަކަށް އަންނާނެ ލުއިފަސޭހަކަން
އޮފީސްތަކުގައި ހުންނަ ބޯދާ ލިޔެކިޔުންތަކާއި ކުރެހުންތައް ޑިޖިޓަލައިޒް ކުރުމަކީ ވެސް މި މަޝްރޫޢުގެ މުހިންމު ބައެކެވެ. ރައީސްގެ ކައުންސިލް ތަޖުރިބާ ހިއްސާކުރައްވަމުން ވިދާޅުވީ، ކުރީގެ ކުރެހުންތައް ހޯދުމަށް މުވައްޒަފުން ކުރަންޖެހޭ ބުރަ މަސައްކަތް ނިމުމަކަށް އައިސް، ކޮމްޕިއުޓަރުގެ އެހީގައި ފަސޭހަކަމާއެކު މަސައްކަތްތައް ނިންމާލެވޭނެ ކަމަށެވެ. މީގެ ސަބަބުން ލިޔެކިޔުންތައް ހަލާކުވުމުން ސަލާމަތްވެ، ރައްކާތެރިކަމާއެކު ބެލެހެއްޓޭނެއެވެ.
"އަޅުގަނޑުމެން މި ކަނޑައަޅަނީ ދައުލަތުގެ ހުރިހާ މުއައްސަސާތައް މީގައި ބައިވެރިވާންޖެހޭނެ ކަމަށް. އެއްވެސް ފަރާތަކަށް މިއިން އޮޕްޓްއައުޓް ނުވެވޭނެ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އަމާޒަކީ 2028 ވަނަ އަހަރުގެ ޖުލައި 26 އަށް މި ނިޒާމު ފުރިހަމައަށް ތަންފީޒުކޮށް ނިންމުން ކަމަށާއި، މި ލަނޑުދަނޑި ހާސިލުކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!