އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިނުމަށް ރާވާފައިވާ ވަރުގަދަ އަސްކަރީ ހަމަލާތަކެއް މަޑުޖައްސާލުމަށް ނިންމަވައިފިއެވެ. މި ނިންމެވުން ނިންމަވާފައިވަނީ ޑިޕްލޮމެޓިކް މަޝްވަރާތަކަށް ފުރުސަތު ދިނުމުގެ ގޮތުންނާއި، ސަރަހައްދީ ގައުމުތަކުގެ އެދުމުގެ މަތިންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ޓްރަމްޕް ގެންދެވީ އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓްރަތް ސޯޝަލްގައި ވޭތުވި 24 ގަޑިއިރުތެރޭ އީރާނަށް ފުލުފުލުގައި އިންޒާރު ދެއްވަމުންނެވެ. އީރާންގެ އިތުރުން ގްރީންލެންޑަކީ އެމެރިކާގެ ބައެއްކަމަށް ބުނެ ޑެންމާކަށް ވެސް އޭނާ ދިޔައީ ޖެއްސުން ކުރަމުންނެވެ.
އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނުގެ ކަރަންޓާއި ހަކަތައިގެ ވިއުގައަށް ހަމަލާދޭން ނިންމުމާއެކު އީރާނުން ވަނީ އެމެރިކާ ނުވަތަ އިޒްރޭލުން އީރާންގެ ކަރަންޓް ވިއުގައަށް އަމާޒުކޮށް ނުވަތަ އީރާނަށް އާ ހަމަލާތަކެއް ދީފިނަމަ، އިޒްރޭލާއި އަރަބި ގައުމުތަކުގައި ހުރި ދުނިޔޭގެ އެންމެ މުހިންމު ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށްބުނެ ހަމަލާދޭނެ ލިސްޓެއް އާންމުކޮށްފައެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ޣަވާރު ތެޔޮ ވަޅާއި، ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ސާފުކުރާ މަރުކަޒު ކަމަށްވާ އަބްގަައިގް އަދި ހުރައިސް އާއި، ޔޫއޭއީގެ ރުވައިސް ރިފައިނަރީ އާއި ޒަކުމް ތެޔޮ ވަޅުގެ އިތުރުން، ދުނިޔޭގެ އެލްއެންޖީ ވިޔަފާރީގެ 20 އިންސައްތަ ހިއްސާކުރާ ގަތަރުގެ ރަސް ލައްފާން މަރުކަޒަށްވެސް ހިމެނެއެވެ. އަދި ކުވެއިތުގެ ބުރުގާން ތެޔޮ ވަޅާއި، ބަހްރޭންގެ ސިތުރާ ރިފައިނަރީގެ އިތުރުން އިޒްރޭލުގެ އެންމެ ބޮޑު ދެ ގޭސް ދަނޑު ކަމަށްވާ ލެވިއަތަން އަދި ތަމާރު ގޭސް ފީލްޑަކީވެސް އީރާނުގެ އަމާޒުފަތްގަނޑުތަކެއް ކަމަށް އެ ގައުމުން ވަނީ ކަނޑައަޅާފައެވެ. މި ތަންތަނަށް ގެއްލުން ލިބިއްޖެނަމަ ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުގެ ސަޕްލައިގެ ބޮޑު ބައެއް މެދުކެނޑިގެންދާނެއެވެ.
ރިޕޯޓްތައް ބުނާގޮތުގައި އީރާނަށް ދޭން އުޅުނު ހަމަލާތައް ހުއްޓާލުމަށް ޓްރަމްޕް ނިންމީ ސަރަހައްދީ އިސް ލީޑަރުންގެ އެދުމުގެ މަތިންނެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ހިމެނިވަޑައިގަންނަވައެވެ. އީރާނުން ވަނީ ސީދާ ސައޫދީ އަށް ވެސް ގުޅައި އެމެރިކާ އާއި އިސްރާއީލް ނުހުއްޓުވައިފިނަމަ ނުކުންނާނެ ނަތީޖާގެ އިންޒާރު ދީފައެވެ. އެހެންވެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ ޓްރަމްޕަށް ގުޅުއްވައި ހަމަލާ ހުއްޓާލުމަށް އެދިވަޑައިގެންފައެވެ. މުހައްމަދު ބިން ސަލްމާން ހިމެނިވަޑައިގަންނަވާހެން ގަލްފްގެ ލީޑަރުން ވަނީ އީރާނުގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ދޭ ބޮޑެތި ހަމަލާތަކުގެ ސަބަބުން މުޅި ސަރަހައްދަށް ނުރައްކާތެރި ހަނގުރާމައެއް ފެތުރިދާނެކަމުގެ އިންޒާރު ޓްރަމްޕަށް ދެއްވާފައެވެ.
އީރާނުގެ ކަރަންޓު ވިއުގައަށް ހަމަލާދީފިނަމަ ރައްދު ހަމަލާދޭނެ ތަންތަނުގެ ލިސްޓް ނެރެފި
އަސްކަރީ ފިޔަވަޅު އެޅުން ހުއްޓުވުމަށް އެމެރިކާ އިން ހުށަހަޅާފައިވާ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި ސްޓްރެއިޓް އޮފް ހޯރްމޫޒް އެއްވެސް ހުރަހެއް ނެތި ވަގުތުން ހުޅުވާލުމާއި، ނިއުކްލިއާ ސަލާމަތާ ގުޅޭ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުން ހިމެނެއެވެ. މިކަންކަމަށް އެއްބަސްވުމަކަށް އާދެވިއްޖެނަމަ ހަމަލާ ދިނުން ދާއިމީކޮށް ހުއްޓާލާނެ ކަމަށް ބެލެވެއެވެ.
ވަގުތީ ގޮތުން ހަމަލާތައް މަޑުޖައްސާލި ނަމަވެސް، އެމެރިކާގެ ސަރުކާރުން ބުނެފައިވަނީ މަޝްވަރާތަކުން ނަތީޖާއެއް ނުނިކުމެއްޖެނަމަ އަސްކަރީ އޮޕަރޭޝަންތައް އަލުން ފެށުމަށް އެމެރިކާގެ ސިފައިން ތިބީ ތައްޔާރީ ހާލަތެއްގައި ކަމަށެވެ. މިއީ މީގެ ކުރިންވެސް މަޝްވަރާގެ ފުރުސަތުތައް ފެންމަތިވުމުން ހަމަލާތައް ފަސްކުރުމަށް ޓްރަމްޕް ގެންގުޅުއްވާ އުސޫލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!