އެމެރިކާ ނުވަތަ އިޒްރޭލުން އީރާންގެ ކަރަންޓް ވިއުގައަށް އަމާޒުކޮށް ނުވަތަ އީރާނަށް އާ ހަމަލާތަކެއް ދީފިނަމަ، އިޒްރޭލާއި އަރަބި ގައުމުތަކުގައި ހުރި ދުނިޔޭގެ އެންމެ މުހިންމު ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް އީރާނުން އިންޒާރު ދީފިއެވެ.
އީރާނުގެ ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހުރިހާ ތަންތަނަކީވެސް އީރާނުގެ ސީދާ އަމާޒަށް ވާސިލްވާ މިސައިލްތަކުގެ ރޭންޖުގެ ތެރޭގައި ހިމެނޭ ތަންތަނެވެ.
ހަމަލާގެ އަމާޒުފަތްގަނޑަކަށް ވެދާނެ މުހިންމު ސަރަހައްދުތައް
އީރާނުން ފާހަގަކޮށްފައިވާ ތަންތަނުގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ޣަވާރު ތެޔޮ ވަޅާއި، ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ސާފުކުރާ މަރުކަޒު ކަމަށްވާ އަބްގަައިގް އަދި ހުރައިސް ހިމެނެއެވެ. މީގެ އިތުރުން ޔޫއޭއީގެ ރުވައިސް ރިފައިނަރީ އާއި ޒަކުމް ތެޔޮ ވަޅުގެ އިތުރުން، ދުނިޔޭގެ އެލްއެންޖީ ވިޔަފާރީގެ 20 އިންސައްތަ ހިއްސާކުރާ ގަތަރުގެ ރަސް ލައްފާން މަރުކަޒަށްވެސް ހަމަލާދޭނެ ކަމަށް ވަނީ ބުނެފައެވެ.
ކުވެއިތުގެ ބުރުގާން ތެޔޮ ވަޅާއި، ބަހްރޭންގެ ސިތުރާ ރިފައިނަރީގެ އިތުރުން އިޒްރޭލުގެ އެންމެ ބޮޑު ދެ ގޭސް ދަނޑު ކަމަށްވާ ލެވިއަތަން އަދި ތަމާރު ގޭސް ފީލްޑަކީވެސް އީރާނުގެ އަމާޒުފަތްގަނޑުތަކެއް ކަމަށް އެ ގައުމުން ވަނީ ކަނޑައަޅާފައެވެ. މި ތަންތަނަށް ގެއްލުން ލިބިއްޖެނަމަ ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުގެ ސަޕްލައިގެ ބޮޑު ބައެއް މެދުކެނޑިގެންދާނެއެވެ.
ކުރީގެ ހަމަލާތަކާ ގުޅޭ ތަފްސީލް
އީރާނުން ހާމަކުރި ގޮތުގައި 40 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި، އީރާނުގެ ސައުތު ފާރްސް މަރުކަޒަށް ދިން ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން ގަތަރުގެ އެންމެ މުހިންމު ގޭސް ރިފައިނަރީއަށް އީރާނުން ވަނީ ހަމަލާދީފައެވެ. އެ ހަމަލާއާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާގައި މައާފަށް އެދިވަޑައިގެން، "އެފަދަ ކަމެއް ދެން ތަކުރާރު ނުވާނެ" ކަމަށް ވައުދުވެވަޑައިގެންފައިވާ ކަމަށްވެސް އީރާނުން ބުނެފައިވެއެވެ.
މި އިންޒާރުތަކާއެކު މެދުއިރުމަތީގެ މަޝްރަހު އިތުރަށް ނުތަނަވަސްވެ، ބައިނަލްއަގުވާމީ ހަކަތައިގެ ބާޒާރަށް އޭގެ ނޭދެވޭ އަސަރު ފޯރުމުގެ ބިރު ވަނީ ބޮޑުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!