ރައީސް ޑރ. މުޙައްމަދު މުޢިއްޒަށާއި، މަޝްވަރާ ބޭނުންވާ ދައުލަތުގެ ބާރުތަކަށް މަޝްވަރާ އާއި ލާފާއެރުއްވުމަށް އިސްރަށްވެހިންނާއި، ފަންނީ މާހިރުންގެ މައްޗަށް އެކުލެވޭ ޤައުމީ ދެ މަޖިލީހެއް އުފައްދަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވަނީ މިފަދަ މަޖިލީހެއް އުފައްދަވާނެކަމަށް ވިދާޅުވެފައެވެ. މިކަމުގެ ތަފްސީލް ދެއްވަމުން ވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) އިން ގެނެސްދޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓް ސިލްސިލާގެ ތިން ވަނަ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ފުރަތަމަ މަޖިލީހަކީ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ، ތަޖުރިބާކާރު އިސްރަށްވެހިންގެ މައްޗަށް އެކުލެވޭ ކުޑަ މަޖިލީހެކެވެ. މި މަޖިލީހުގެ ބޭނުމަކީ ޤައުމުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުންގެ ތަޖުރިބާގެ ބޭނުން ހިފައި، ދައުލަތް ހިންގުމުގެ ނިޒާމާ ގުޅޭ ކަންކަމުގައި އެ ބޭފުޅުންގެ ލަފާ ހޯދުމެވެ.

Ad
rt

''އެފަދަ ބޭފުޅުންގެ މައްޗަށް އެކުލެވޭ، މަޝްވަރާ މަޖިލީހެއް އިރާދަކުރެއްވިއްޔާ މި ހަދަނީ. ދެން އޭރުން އަޅުގަނޑު ބައެއްފަހަރު ކަންކަމުގައި ދަންނަވާލުމުން މަޝްވަރާ ދެއްވުމާއި، އަދި އެ ބޭފުޅުން އިސްނަންގަވައިގެން ކަންކަމުގައި، ސަރުކާރުގެ ކަންކަމުގައި، ދައުލަތުގެ ކަންކަމުގައި، ނިޒާމާ ގުޅޭ ކަންކަމުގައި، މިހެންގޮސް ކޮންމެ ކަމެއްގައިވެސް މަޝްވަރާ ދެއްވޭނެ ނިޒާމެއް އިރާދަކުރެއްވިއްޔާ ޤާއިމުކުރުން.'' ރައީސް ވިދާޅުވިއެވެ.

ދެވަނަ މަޖިލީހަކީ އެކި ދާއިރާތަކުން ތަޢުލީމު ހާސިލުކޮށްގެން ތިއްބެވި ފަންނީ މާހިރުންގެ މައްޗަށް އެކުލެވޭ ޤައުމީ މަޖިލީހެކެވެ. މި މަޖިލީހުގައި 100 އާއި 150 އާ ދެމެދުގެ އަދަދަކަށް މެންބަރުން ތިއްބަވާނެ ކަމަށް ރައީސް ލަފާކުރެއްވިއެވެ. މީގެ ތެރޭގައި ޞިއްޙީ ދާއިރާ، ތަޢުލީމީ ދާއިރާ އަދި އިޤްތިޞާދީ ދާއިރާ ފަދަ ހުރިހާ ދާއިރާއެއްގެ "ކްރީމް އޮފް ދަ ކްރީމް" ނުވަތަ އެންމެ ފުންނާބު އުސް ބޭފުޅުން ހިމެނިވަޑައިގަންނަވާނެއެވެ.

''މުޅި ޤައުމެއްގެ ހުރިހާ ފަންނުތަކަށް ބަލައިލާއިރުގައި، ވަރަށް ކޮމްޕްރިހެންސިވް ޕޫލެއް ހަދާކަމަށްވަންޏާ ސަތޭކައަށްވުރެ ގިނަވާނެ. ސަތޭކައާއި ސަތޭކަ ފަންސާހާ ދޭތެރޭގައި ހިނގައިދާނެ. ބޭނުމަކީ، ކްރީމް އޮފް ދަ ކްރީމް، އެންމެ ތަޢުލީމީ، އެންމެ ތަޖުރިބާކާރު ބޭފުޅުންގެ މައްޗަށް އެކުލެވޭ މަޝްވަރާ، ނޫނީވިއްޔާ ލަފާދޭ ޤައުމީ މަޖިލީހެއް އުފައްދައި، އެ ބޭފުޅުންނަށް ފުރުޞަތު ދެނީ ޤައުމުގައި ހުންނަ ކަންކަމާ މެދުގައި ނިޒާމުގެ ތެރެއިން ބަޙުޘްކޮށް، މަޝްވަރާކޮށް، ކަންކަމުގައި ޕޭޕަރު ހުށަހަޅައި، ކަންކަމުގައި މަޝްވަރާ ދެއްވައި، އަދި މިފަދަ ކަންކަން ކުރުމުގައި. މިވެސް، ހަމަ ދެކޮޅަށް އޮންނާނެ ކަމެއް އިނގޭތޯ.'' ރައީސް ވިދާޅުވެފަވެއެވެ.

މި މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، މިއީ ހަމައެކަނި ސަރުކާރަށް ލަފާދޭ ބައެއް ނޫން ކަމަށާއި، ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކަށްވެސް މި މަޖިލީހުގެ ލަފާ ހޯދޭނެ ކަމަށެވެ. އަދި މި މަޖިލީހުގެ މެންބަރުންނަށް ޤައުމީ މުހިންމު މައުޟޫޢުތަކުގައި ބަޙުޘްކޮށް، ޕޭޕަރުތައް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ދެ މަޖިލީސް އުފެއްދުމުގެ އިދާރީ އަދި އިޖްރާއީ މަސައްކަތްތައް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ރައީސް އުންމީދު ކުރައްވައެވެ. އެމަނިކުފާނުގެ އަމާޒަކީ މިއަހަރުގެ ނޮވެންބަރު މަސް އަންނަންވާއިރަށް މި ދެ މަޖިލީސް ރަސްމީކޮށް އުފައްދަވައި، މަސައްކަތް ފެއްޓެވުމެވެ.